ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން އިސްރާއީލް ސިފައިން ތިބި ފަސް ސަރަހައްދަކަށް ހަމަލާދީފިއެވެ.

ހިޒްބުﷲ އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލްގެ ސިފައިން ތިބި ފަސް ސައިޓެއް ކަމަށްވާ މިސްގޭވް ޖެނެރަލް ސައިޓް، ހިރްބެޓް އަލް މަނާރާ ސައިޓް، ހާމޮން ސައިޓް، ރިޝާ ސައިޓް، ރާމިއޭ ސައިޓަށް ހަމަލާދީ އެ ތަނުގައި ތިބި ސިފައިންތަކެއް ޒަހަމްކޮށްލާފައިވާނެ ކަމަށެވެ.

އިސްރާއީލާާއި ހަމާސް އާ ދެމެދު ފެށުނު ހަނގުރާމައިގައި އިސްރާއީލަށް ހަމަލާތައް އަމާޒުވަނީ ހަމައެކަނި ފަލަސްތީނުގެ ޣައްޒާއިން އެކަންޏެއް ނޫނެވެ. ލުބުނާން އާއި އިސްރާއީލްގެ ބޯޑަރު ގުޅޭ ސަރަހައްދުގައި ވެސް ދަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ.

ހިޒްބުﷲ އިން ދާދި ދެންމެއަކު ހަމަލާއެއް ދިން ކަން އިސްރާއީލުން ވެސް ކަށަވަރުކޮށްދެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ ލުބުނާނުން އިސްރާއީލަށް އަމާޒުކޮށް ހަމަލާތަކެއް ދިނުމާ ގުޅިގެން ރައްދުގައި ހަމަލާތަކެއް ދެމުން އަންނަ ކަމަށެވެ. އެކަމަކު، ލުބުނާނުން ފޮނުވާލި ހަމަލާތަކުގައި އެއްވެސް މީހަކު ޒަހަމްވެފައި ނުވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން އިސްރާއީލް ސިފައިންނަށް އަމާޒުކޮށް އިއްޔެ ވެސް ހަމަލާތަކެއް ދިނެވެ. ހިޒްބުﷲ އިން ބުނާ ގޮތުގައި އެ ހަމަލާތަކުގައި ޔަހޫދީންގެ ބައެއް މީހުން މަރާލައި، ގިނަ ބަޔަކު ވަނީ ޒަހަމްކޮށްލައިފައެވެ.

ފަހަކަށް އައިސް، ލުބުނާނުން އިސްރާއީލަށް ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ. އަދި ރައްދުގައި އިސްރާއީލުން ދޭ ހަމަލާތައް ވެސް ގިނައެވެ.