ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް 25 މީހުން ޝަހީދުވެއްޖެއެވެ.

އަލްޖަޒީރާ އަރަބިކްއަށް މައުލޫމާތު ދިން މެޑިކަލް އޮފިޝަލަކު ބުނީ ފާއިތުވި ބައި ގަޑިއިރުގެ ތެރޭގައި މި ހަމަލާ ދީފައިވަނީ 2.4 މިލިއަން މީހުން ދިރިއުޅޭ ފަލަސްތީނުގެ ސަރަހައްދުގެ ދެކުނުފަރާތުގެ ގެތަކަށް ކަމަށެވެ.

ހަމަލާތައް ދީފައި ވަނީ ޣައްޒާގެ ދެކުނުގެ ކޮން ސަރަހައްދަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.

މީގެ ކުރިން ޚާން ޔޫނުސް އާއި ރަފާ ސަރަހައްދުގައި ހުއްޓުމެއް ނެތި ބޮމުގެ ހަމަލާތައް ދިން ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް ވެއެވެ.

މި ހަމަލާގައި އިތުރު އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ 936 އަންހެނަކާއި 738 ކުޑަކުދިން ވަނީ ޝަހީދު ވެފައެވެ. މިއާއެކު ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 2800 އަށް ވަނީ އަރަފައިފައެވެ.

އަދި މި ހަމަލާތަކުގައި ޣައްޒާގެ 10،500 ހައުސިން ޔުނިޓް ހިމެނޭ 3731 މީހުން ދިރިއުޅޭ އިމާރާތްތައް ވަނީ ބިމާ ހަމަކޮށްފައެވެ. މީގެ އިތުރު 10،000 އިމާރާތަށް ގެއްލުންތަކެއް ލިބިފައިވާ އިރު، އޭގެ ތެރެއިން 7100 އިމާރާތަކީ މުޅިން މީހުން ދިރިނޫޅެވޭ ވަރު ކޮށްފައި ހުރި އިމާރާތްތައް ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ހުރިހާ މުސްލިމް ގައުތައް އެއްބައިވެ ފަލަސްތީނާ ގައްޒާ ގައްޒާއައް ނަސްރު ދެއްވުމައް އެދި ﷲ ގެ ހަލްރަތްގަ ދުވާ ދެއްނެވުމައް އަސްވެލައްވާ ޢިންސާ ﷲ އިރާދަފުޅު ކުރެއްވިއްޔާ ޢިސްރާއީލައް ބޯކޮއް މެދުކެޑުމެއްނެތި 60 ދުވަސްވަންދެން ވާރޭޥެހި ފޮންބޮޑުވެ އިމާރާޠްތައްވެއްޓި ބޮޑުވެގެންވާ މުސީބާތެއް ކުރިމަތި ކުރައްވާންދޭ