ޔަހޫދީ އިސްރާއީލުން ދިން ހަމަލާއެއްގައި ޣައްޒާގެ އެއް އާއިލާއެެއްގެ 28 މީހުން ޝަހީދުވެއްޖެއެވެ.

ޔަހޫދީން މިފަހަރު ޝަހީދުކޮށްލާފައި ވަނީ ފަލަސްތީނުގެ ރަފާހް ގަވަރުނަރޭޓްގައި ހުންނަ ޒަރަބް އާއިލާއެވެ.

އެ އާއިލާގެ ގެއަށް މަތިންދާ ބޯޓުތަކުން ދިން ހަމަލާއެއްގައި 28 މީހަކު ވަނީ ޝަހީދުވެފައެވެ.

ޔަހޫދީން ރޭ ވަނީ ޣައްޒާގެ 71 މީހަކު ޝަހީދުކޮށްލައިފައެވެ. ވައިގެ މަގުން ދިން ހަަމަލާތަކެއްގައި ޝަހީދުކޮށްލަާފައި ވަނީ ޣައްޒާގެ ދެކުނުން ރަފާހް އަދި ހާންޔޫނީގެ ގެތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނެވެ.

ޝަހީދުވި މީހުންގެ ތެރޭގައި މަރުވި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ޔަހޫދީންގެ އަސްކަރިއްޔާއިން ނެރުނު އެހެން ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހަމާސް ޖަމާއަތަށް އަމާޒުކޮށް ރޭގަނޑު 200 އަށްވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށެވެ.

މިއާއެކު މިހާރު ޣައްޒާއިން ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 2،900 އާ ގާތް ކުރާނެެއެެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޣައްޒާއަށް ވައިގެ ހަމަލާތައް ދަނީ ދެމުންނެވެ. މިއަދު ހެނދުނު މަދުވެގެން 10 ވަރަކަށް ހަމަލާގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމައެއާއެކު އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ އެގައުމުގެ އެ ސަރަހައްދަށް ސިފައިން ފޮނުވަމުންނެވެ.

އަދި އެ ސަރަހައްދުން ފެނިގެން ދަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންދާ ވެހިކަލްތަކާއި ޓޭންކްތަކާއި ގިނަަ އަދަދެއްގެ ސިފައިން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.