ފަލަސްތީނުގެ ޣައްޒާގައި ހުންނަ އަލް އަހްލީ އަލް އަރަބި ހޮސްޕިޓަލަށް ދިން ހަމަލާގެ ޒިންމާ ނުނަގައި އިސްރާއީލުން ރެކެން ފަށައިފިއެވެ.

އިސްރާއިލް އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއެލް ހަގާރީ އެންމެ ފުރަތަމަ ބުނީ އަލް އަހްލީ އަރަބް ހޮސްޕިޓަލުގައި ހިނގި ކަންކަމާ ގުޅޭ ގޮތުން ބަޔަކު ޝަހީދުވި ކަން ނޭނގޭ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ލިބުނީމަ، ހާމަ ކުރާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

"އޭގެ ތަފްސީލްތައް ލިބުނީމަ، އަހަރުމެން އޭގެ ތަފްސީލްތައް ހާމަ ކުރާނަން. އަހަރެންނަކަށް ބުނާކަށް ނޭނގެ، މިއީ އިސްރާއީލުން ދިން ވައިގެ ހަމަލާއެއް ކަމެއް،" އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައިވެއެވެ.

"ވަރަށް ގިނަ ވައިގެ ހަމަލާތައް ދޭ، ރޮކެޓްތައް ފެއިލްވެގެން ވެސް އެބަދޭ. ހަމާސް އިން ދޮގު ހަބަރު ވެސް ފަތުރާ،"

އޭގެ ފަހުން، އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ މިހާތަނަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަށް ބަލާއިރު، އެ ރޮކެޓަކީ އިސްލާމިކް ޖިހާދުގެ ރޮކެޓް ހަމަލާއެއް ފެއިލްވެގެން ހޮސްޕިޓަލަށް އަމާޒުވި ހަމަލާއެއް ކަމަށެވެ. އިސްރާއީލުން އެފަދަ ހަމަލާއެއް ނުދޭ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ މި ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ އިސްލާމިކް ޖިހާދުން ކަމަށެވެ.

އިސްރާއީލްގެ ޔަހޫދީން ބޮން އަޅާފައި ވަނީ ޣައްޒާގައި ހުންނަ އަލް އަހްލީ އަލް އަރަބި ހޮސްޕިޓަލްގެ ކޯޓު ޔާޑަށެވެ. އެ ހޮސްޕިޓަލްގެ ކޯޓުޔާޑަށް ހަމަލާ ދިން އިރު، އެ ތަނުގައި ފަލަސްތީނުގެ އެތައް ރައްޔިތުންތަކެއް ވަގުތީ ގޮތުން ހިޔާވަހިކަން ހޯދައިގެން ތިބި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަދި އިސްރާއީލްގެ ލާއިންސާނީ އަމަލުތަކުގައި ޒަހަމްވެފައި ތިބި މީހުން ވެސް އެ ސަރަހައްދުގައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުން ދިން މި ހަމަލާގައި 500 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

އިސްރާއީލުން ވައިގެ މަގުން ހޮސްޕިޓަލަށް ދިން ހަމަލާގައި ޝަހީދުވި މީހުންނާ އެކު، އިސްރާއީލްގެ އަނިޔާވެރިކަމުގެ ދަށުން ޝަހީދުވި މީހުންގެ އަދަދު 3،500 އަށް ވުރެ މައްޗަށް އަރާނެއެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވެސް 13،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރާއްޖެތެރެ

    ރިސްވަތު ނަގާމީހުން އެސަރަހައްދުގަ ގައުމުތަކުގަ ތިބީ،.

  2. ކޮތަރު

    ޔާﷲ. ވޭންދެނިވި ބިރުވެރި ހިއްޕެވުމަކުން މިއަނިޔާވެރި ޔަހޫދީން ހިއްޕަވާންދޭވެ.
    އަދި ފަލަސްތީންގެ ބިމުން މިނުބައި ޢަދުއްވުން ބޭރު ކުރައްވައި އެބިންތައް ޠާހިރު ކޮށްދެއްވާންދޭވެ. އާމީން.

    11
  3. މުސްލިމު ފަރުދެއް

    ޔަހޫދީންނަކީ ދޮގުހަދާ މަކަރުވެރި، ނުލަފާ ބައެއް.

    ޔަހޫދީ ދައުލަތާ ދެކޮޅަށް ތެދުވަންޖެހޭ

    މުސްލިމުން އުއްމީދުކުރާކަށް ނުޖެހޭ ކާފަރު ގައުމުތަކުގެ ވެރިން ފަރާތުން މި ނުލަފާ ޔަހޫދީންނާ ދެކޮޅަށް ތެދުވާނެ ކަމަކަށް.

    އެ ޤައުމުތަކުގައި ޙައްޤާ އެއްކޮޅަށް މުޒާހަރާ ކުރިޔަސް އެކަން ހުއްޓުވަން އެމީހުން އެތިބީ.
    އަހަރެމެންގެ އަޚުންނާ އުޚުތުންގެ ޙައްޤުގައި ކަމެއްކުރަން ތިބީ އަހަރެމެން މުސްލިމުން.