ފަލަސްތީނުގެ ޣައްޒާގައި ކެންސަރު ބައްޔަށް ފަރުވާ ދެމުންދާ ހަމައެކަނި ހޮސްޕިޓަލް ބަންދުކުރަން ޖެހިދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ތުކުރީގެ އެހީތެރިކަމުގައި ޣައްޒާގައި އިމާރާތްކޮށްފައިވާ ކެންސަރު ބައްޔަށް ހާއްސަ ހޮސްޕިޓަލްގެ ޑިރެކްޓަރު ޑރ. ސުއްބީ ސުކޭކް އަލްޖަޒީރާއަށް ވިދާޅުވެފައިވަނީ އެ ހޮސްޕިޓަލްގެ މުހިންމު ހިދުމަތްތައް ހިންގުމަށް ބޭނުންވާ ތެލުގެ އިތުރުން ކީމޯތެރަޕީ ފަރުވާއަށް ބޭނުންވާ ބޭސް ވެސް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކޮންމެހެން ބޭނުންވާ ހިދުމަތްތައް ދެމެހެއްޓުމަށް،" އަލްޖަޒީރާއަށް ޑރ ސުކޭކް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ މޮނިޓަރިން އާއި ޑައިގްނޯސިސް އަށް ބޭނުންކުރާ ރޭޑިއޮލޮޖީ ފަދަ ބައެއް ހިދުމަތްތައް މިހާރު ވެސް ހޮސްޕިޓަލުގައި ހުއްޓާލާފައިވާ ކަމަށެވެ. ބައެއް ބަލިމީހުންނަށް ކީޕޯތެރަޕީ ދިނުން ވެސް ފަސްކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން އެ މީހުންގެ ހާލު ގޯސްވަމުންދާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އަދި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ހޮސްޕިޓަލަށް ދިއުމަށް ވެސް ބައެއް ބަލި މީހުން ޖެހިލުންވެފައިވާ ކަމަށާއި އެހެންކަމުން އެ މީހުންނަށް ބޭނުންވާ ފަރުވާ ނުލިބޭ ކަމަށް ޑރ. ސްކޭކް ވިދާޅުވެފައިވެއެވެ.

އިސްރާއީލުން ވަނީ ޣައްޒާ ސިޓީގެ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ހަމަލާދީފައެވެ. މި ހަމަލާގައި އެ ހޮސްޕިޓަލުގައި ތިބި ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ. އަދި ގިނަ ބަޔަކަށް އަނިޔާވެފައިވެއެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތިބި މީހުންގެ އަދަދު ގާތްގަނޑަކަށް 1،300 އަށް އަރާ ކަމަށާއި އޭގެ ތެރޭގައި 600 ކުޑަކުދިން ހިމެނޭ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވެފައިވާ %70 މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނާއި ހިނގާ ބިނގާވެ އުޅުމަށް ދަތިވެފައި ތިބި އުމުރުން ދުވަސްވީ މީހުން ކަމަށެވެ. އަދި އިސްރާއީލުން ތަކުރާރުކޮށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.