އިސްރާއީލުގެ ހަމަލާ އެއްގައި ހަމާސްގެ ސިޔާސީ ބިއުރޯގެ އަންހެން މެމްބަރަކު ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގެ މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޝަހީދު ކޮށްލާފައިވަނީ ޖަމީލާ އަލް ޝަންތީއެވެ.

ޖަމީލާ އަކީ ހަމާސްގެ ސިޔާސީ ބިއުރޯ އަށް އިންތިހާބުވީ ފުރަތަމަ އަންހެން މެމްބަރެވެ. އަދި އޭނާ އަކީ ހަމާސް އުފެއްދުމުގައި ހަރަކާތްތެރިވި އެއް ފަރާތް ކަމުގައިވާ އަލްމަރުހޫމް އަބްދުލް އަޒީޒް އަލް ރަންތިސީ ގެ ހުވަފަތް އަނބިމީހާއެވެ.

ޖަމީލާ ޝަހީދު ވެފައިވަނީ ސީދާ ކޮންތަނަކަށް ދެވުނު ހަމަލާއެއްގައި ކަމެއް ރިޕޯޓު ކޮށްފައެއް ނުވެއެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުގައި ޖަމީލާ ޝަހީދުވެފައިވަނީ މިއަދު ފަތިހު އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއްގައެވެ.

އަބްދުލް އަޒީޒް ޝަހީދު ކޮށްލާފައިވަނީ ފަލަސްތީނުގެ ދެވަނަ އިންތިފާދާގެ ތެރެއިން 2004 ވަނަ އަހަރު އިސްރާއީލުން ދިން ހަމަލާ އެއްގައެވެ.

އިސްރާއީލުން މެދު ނުކެނޑި ދެމުން ގެންދާ ހަމަލާތަކުގައި މިއަދު އެކަނިވެސް މިހާތަނަށް 121 މީހުން ޝަހީދުވެ 540 މީހުން ވަނީ ޒަހަމް ވެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 3،480 މީހުން ޝަހީދު ވެފައިވާކަން ކަށަވަރު ވެފައިވާއިރު، ޝަހީދުވި މީހުންގެ ފަހުގެ އަދަދުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެހެންކަމުން އެ ގައުމުން ޝަހީދުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރު ކޮށްފައެވެ. އަދި މިހާރު އިސްރާއީލުން ދަނީ ހަމައެއް ލަމައެއް ނެތި އެކި ތަންތަނަށް ބޮން އަޅަމުންނެވެ. މިގޮތުން މިއަދުވެސް ޣައްޒާގެ އެތައް އިމާރާތަކަށް ބޮން އެޅިއިރު، ޣައްޒާގެ ހޮސްޕިޓަލެއް ކައިރިއަށާއި، ސްކޫލެއް ކައިރިއަށްވެސް ވަނީ ބޮން އަޅާފައެވެ.