ފަލަސްތީނުގެ ޣައްޒާގައި މިހުން ދިރިއުޅެމުންދާ ހަތަރު ޓަވަރެއް ޔަހޫދީ އިސްރާއީލުންގެ ހަމަލާތަކުގައި ބިމާ ހަމަކޮށްލައިފިއެވެ.

ވަފާ ނިއުސް އިން ބުނީ އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާގެ މެދުތެރޭގެ އަލް ޒަހްރާ ސަރަހައްދުގައި މީހުން ދިރިއުޅޭ ހަތަރު ޓަވަރަށް ގިނަ މިސައިލްތަކެއް ފޮނުވާލައި އެ ޓަވަރުތައް މުޅިން ހަލާކުކޮށްލާފައިވާ ކަަމަށެވެ.

މި ހަމަލާތަކުގެ ސަބަބުން އެ ހަތަރު ޓަވަރު ވަނީ ބިމާ ހަމަވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެތަނަށް ހަމަލާ ދިނުމުގެ ކުރިން ސިފައިން ވަނީ އެ އިމާރާތްތަކުގައި ދިރިއުޅޭ 270 ޔުނިޓުގެ މީހުން ކައިރީގައި އެތަނަށް ބޮން އަޅާނެ ކަމަށް ބުނެފައެވެ. މިއާއެކު އެތަނުގައި ދިރިއުޅޭ މީހުން އޭގެ ކުރިން އެތަނުން ނުކުމެފައިވާ ކަމަށް ވެއެވެ.

ޔަހޫދީންގެ މި ހަމަލާތަކުގައި ޣައްޒާގެ އެތައް އިމާރާތްތަކެއް ވަނީ ބިމާ ހަމަކޮށްފައެވެ. އަދި އެތައް އިމާރާތްތަކެއްގައި މީހުން ދިރިނޫޅެވޭ ވަރަށް ހަލާކުކޮށްލާފައިވާއިރު، މި ހަމަލާތައް އަދިވެސް ހުއްޓުމަކަށް ނާންނަ ކަމަށް ވެއެވެ.

އެންމެ ފަހުގެ އަދަދުތަކަށް ބަލާއިރު ޣައްޒާގައި 24 ގަޑިއިރު ތެރޭގައި 121 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 540 މީހުން ޒަޚަމްވެފައެވެ.

މިއާއެކު ޝަހީދުވި މީހުންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 3،480 މީހުން ޝަހީދުވެފައިވާކަން މިހާތަނަށް ވަނީ ކަށަވަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަބަރޭ

    ތިޔަކަމަކުން ކުރެވޭނެ ކަމެއްނެތް އެމެރިކާ، ޖަރުމަން، ކެނެޑާ، އިގިރޭސިން އަދި އެހެނިހެން ގައުމުތަށް ތިބީ އިޒުރޭލަށް ހަތިޔާރުދީ އިޒުރޭލު މިހިންގާ ގަތުލު އާންމުއަށް ހިއްވަރު ދީ އަދި ފަލަސްތީނަށް ހަމަލާ ދޭން ޖެހިއްޖެނަމަ އެގައުމުތަކުގެ ސިފައިން ނެރިގެންވެސް ހަމަލާ ދޭން ތައްޔާރަށް އަރަބި ގައުމުތަކުގަ ތިބީ ފިނޑި ބޮޑާ ކިބުރުވެރި އަރަބި ވެރިންނަކީ ނުބާ ނުލަފާ ބައެއް އަރަބިން ނަށް ހޭއަރުވާލާ ތަށް އަދި އަންނާނެ އަރަބިން މިއަދު ތިބެވިދާނެ ކުޅިބަލަން ތިޔަހާ ފިޑިވެގެން ކުރެވޭނެ ކަމެއް ނޯންނާނެ