ލުބުނާންގެ ބޯޑަރު ކައިރީގައި އޮތް 14 އަވަށަކުން މީހުން ހުސް ކުރުމަށް އިސްރާއީލުން ނިންމައިފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ އެ ގައުމުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ 14 އަވަށެއް ހުސް ކުރަން ނިންމީ ރޮކެޓާއި މިސައިލް ހަމަލާ އަމާޒުވެދާނެތީ ކަމަށެވެ. އެ ސަރަހައްދުތަކުގައި ތިބި މީހުން ބަދަލު ކުރާނީ ދައުލަތުގެ ފައިސާއިން ހިންގާ ގެސްޓްހައުސްތަކަށް ކަމަށް ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (ނޭމާ) އިން ބުނެއެވެ.

ނޭމާއިން މިހެން ބުނެފައިވާއިރު މިދިޔަ ހަފްތާގައި ނޭމާ އިން ވަނީ ލުބުނާން ބޯޑަރާއި ދެ ކިލޯމީޓަރު (1.25 މޭލު) ދުރުގައި އޮންނަ 28 އަވަށެއް އިތުރުން ކިރިޔާޓް ޝްމޯނާ ސިޓީ ވެސް ހުސްކުރަން ފަށައިފައެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އާއި ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި މި ލިސްޓަށް އިތުރުވަމުން އަންނަ 14 އަވަށަކީ ސްނިރް، ޑޭން، ބެއިޓް ހިލެލް، ޝެއާ ޔަޝޫވް، ހަގޯޝްރިމް، ލިމާން، މަޓްޒޫވާ، އައިލޮން، ގޯރެން، ގޯރްނޮޓް ހާގަލިލް، އޮން އަދި ރަމޮޓް ނަފްތާލީ، އިވެން މެނަޗެމް، ސާސާ، ޓްޒިވްއެވެ.

ލުބުނާނުން ދޭ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އުތުރުގެ ބޯޑަރު ރަށްތަކުގެ ގިނަ ރައްޔިތުން މިހާރު ވަނީ ދެކުނަށް ބަދަލުވެފައެވެ.

މިދިޔަ ދެ ހަފްތާގެ ތެރޭގައި ހިޒްބުالله އާއި އެކުވެރި ފަލަސްތީނުގެ ފެކްޝަންތަކުން ތަކުރާރުކޮށް އިސްރާއީލަށް ރޮކެޓާއި މިސައިލް ހަމަލާތައް ދަނީ ދެމުންނެވެ.

މިކަމާއި ގުޅިގެން އިސްރާއީލްގެ ލެފްޓިނެންޓް ކާނަލް (ރެސް.) ޖޮނަތަން ކޮންރިކަސް ބުނެފައިވަނީ ހިޒްބުﷲ އިން ބޭނުންވަނީ މި ހަނގުރާމައިގެ ތެރެޔަށް ލުބުނާން ވައްދަން ކަމަށާއި އެކަމުން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށެވެ.

"އެމީހުން ހާލަތު ގޯސްކުރަނީ. ހިޒްބުﷲ ކުޅެނީ ވަރަށް ވަރަށް ނުރައްކާތެރި ގޭމެއް. އެމީހުން ހާލަތު ގޯސްކޮށްލަނީ. އަޅުގަނޑުމެންނަށް ފެންނަނީ ކޮންމެ ދުވަހަކު ވެސް އިތުރު ހަމަލާތަކެއް،" ޖޮނަތަން ބުންޏެވެ.

ފާއިތުވި ދެ ހަފްތާގައި އިސްރާއީލުގެ އަސްކަރިއްޔާ އާއި ހިޒްބުﷲ ޖަމާއަތާއި އެކުވެރި ފަލަސްތީނުގެ ފަރާތްތަކާ ދެމެދު ލުބުނާނުގެ ދެކުނުގައި ތަކުރާރުކޮށް ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ.

މިދިޔަ ހޮނިހިރު ދުވަހު އުތުރުގެ ބާރަމް ކޮމިއުނިޓީ ކައިރީގައި އިސްރާއީލް ސިފައިން ހަރަކާތެއް ހިންގަމުންދަނިކޮށް ހަމާސްއިން ދިން ވައިގެ ހަމަލާގައި އިސްރާއީލުގެ ސިފައިންގެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބި ދެ މީހަކަށް ކުދި އަނިޔާތަކެއް ލިބިފައިވެއެވެ.

އައިޑީއެފް އިން ބުނީ ލުބުނާން ސަރަހައްދުން އެންޓި ޓެންކް ގައިޑްޑް މިސައިލް ހަމަލާތަކަށް ތައްޔާރުވި ދެ ސްކޮޑަކަށް ވެސް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށެވެ.