ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް އައިއިރު 727 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފިއެވެ. މިއީ މި މަހުގެ 7 ވަނަ ދުވަހު އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ފެށުނު ފަހުން ހައްޔަރު ކުރި މީހުންގެ އަދަދެވެ.

އިސްރާއީލްގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 480 މީހުންނަކީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މެމްބަރުންނެވެ. އިސްރާއީލްގެ އަސްކަރިއްޔާ އިން ރޭގައި ހިންގި އޮޕަރޭޝަންގައި އެކަނި ވެސް ހަމާސްގެ 27 މެމްބަރުން ހައްޔަރު ކުރި ކަމަށް ބުނެފައިވެއެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ޔަހޫދީން ބުނާ ގޮތުގައި މި އެންމެން ވެސް ހައްޔަރު ކުރީ އިސްރާއީލާ ދެކޮޅަށް ހަމަނުޖެހުންތައް އުފެއްދުމަށް މަސައްކަތް ކުރުމާއި ނިރުބަވެރި ހަމަލާތައް ދޭން ރޭވި ކަމުގެ ތުހުމަތުގައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

އިސްރާއީލަށް އަމާޒުކޮށް 18 އަހަރު ނުވާ ފަލަސްތީނުގެ ކުޑަކުދިން، ނިރުބަވެރި ހަމަލާތައް ދޭން ރާވަފާނެ ކަމަށް ދެކި، އެ ކުދިން ހައްޔަރު ކުރަމުން އަންނާތީ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިވުމުގެ ލާމަސީލް މިސާލެއް ކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

އިސްރާއީލުން ރޭގައި ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިންގައި ހުންނަ މިސްކިތަކަށް ބޮން އަޅައި ދެ މީހަކު ޝަހީދުކޮށްލައިފައެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ހަމާސް އާއި ޔަހޫދީންނާއި ދެމެދު ކުރެވެމުންދާ ހަނގުރާމައިގައި ޔަހޫދީން ދަނީ ޣައްޒާގެ އެތައް ތަނެއް ސުންނާފަތި ކުރަމުންނެވެ. ޣައްޒާއަށް ހަމައެއް ލަމައެއް ނެތި ބޮން އަޅަމުންދާއިރު، ޣައްޒާގައި ދިރިއުޅޭ އެއްވެސް ތަނެއްގައި ރައްކާތެރިކަމެއް ނެތެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އިއްޔެ ބުނީ ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 4،385 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 1،756 ކުޑަކުދިންނާއި 976 އަންހެނުން ހިމެނޭ ކަމަަށްވެސް ވިދާޅުވިއެވެ.