ލުބުނާނުން އިސްރާއީލްގެ ކޮމިއުނިކޭޝަން ޓަވަރަކަށް ހަމަލާ ދިނުމާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން ރައްދު ހަމަލާތަކެއް ދޭން ފަށައިފިއެވެ.

އިސްރާއީލްގެ ކޮމިއުނިކޭޝަން ޓަވަރަކަށް ހަމަލާ ދިން މަންޒަރުގެ ވީޑިއޯއެއް މީސް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ. ބެލެވޭ ގޮތުގައި އެ ޓަވަރަށް އަމާޒުވެފައި ވަނީ ރޮކެޓް ހަމަލާއެކެވެ. އެ ހަމަލާގައި ކޮމިއުނިކޭޝަން ޓަވަރަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އިސްރާއީލްގެ ޑިފެންސް މިނިސްޓްރީން ބުނީ ލުބުނާނުން އިސްރާއީލަށް އަމާޒުކޮށް ހަމަލާތަކެއް ދިނުމާ ގުޅިގެން ހިޒްބުﷲ ގެ މުޖާހިދުން ތިބި ބައެއް ސަރަހައްދުތަކަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އެމީހުން ރާވަމުން ދިޔައީ އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދިނުމަށް ކަމަށް ވެސް ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިއަދު އެކަނި ވެސް ހިޒްބުﷲ މުޖާހިދުން ވަނީ ތިން ފަހަރެއްގެ މަތިން އިސްރާއީލަށް ހަމަލާ ދީފައެވެ. ހިޒްބުﷲ ގެ މުޖާހިދުން ތިބި ސަރަހައްދުތަކަށް ހަމަލާ ދިން ވީޑިއޯ ފޫޓޭޖް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފައިވެއެވެ.

އޭގެ ފަހުން، އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ އިސްރާއީލްގެ ވައިގެ ސަރަހައްދަށް ލުބުނާނުން ފޮނުވާލި ޑްރޯނެއް ވައްޓާލާފައިވާ ކަމަށެވެ. އެ ޑްރޯން ހަމަލާ ދިން ފަހުން، ހިޒްބުﷲ އިން ވަނީ އިސްރާއީލްގެ ސަވައިލަންސް އިކުއިޕްމަންޓަކަށް ހަމަލާ ދީފައެވެ.

އެހެންވެ، ރައްދުގައި ލުބުނާނަށް ހަމަލާތައް ދެމުން އަންނަ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.