އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅައި، ކުށެއް ނެތް އެތައް އާންމުންނެއް ޝަހީދު ކުރަމުންދާތީ އިސްރާއީލް ފުލުހުންގެ ޔުނިފޯމް ފަހައިދޭ އިންޑިއާގެ ކުންފުންޏަކުން ޔުނިފޯމް ސަޕްލައިކޮށް ދިނުން ހުއްޓާލައިފިއެވެ.

މި ހިތްވަރުގަދަ ނިންމުން ނިންމާފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ މަރްޔަން އެޕެރަލް ޕްރައިވެޓް ލިމިޓެޑުންނެވެ.

މި ކުންފުންޏަކީ ކޮންމެ އަހަރަކު ވެސް އެތައް ހާސް އިސްރާއީލް ފުލުހުންގެ ޔުނިފޯމް ފަހައިދޭ ކުންފުންޏެކެވެ. ކެރެލާގެ ކަންނޫރު ޑިސްޓްރިކްޓައި ހިންގާ މަރްޔަން އެޕެރަލް ޕްރައިވެޓް ލިމިޓެޑުން އަންނަނީ 2015 އިން ފެށިގެން އިސްރާއީލްގެ ފުލުހުންނަށް ޔުނިފޯމް ފަހައިދީ، އެ ތަކެތި ސަޕްލައިކޮށްދެމުންނެވެ.

"މި ނިންމުން ނިންމި ސަބަބަކީ ކުށެއް ނެތް އާންމު ރައްޔިތުން ޝަހީދު ކުރަމުންދާތީ،" ކުންފުނީގެ ޑިރެކްޓަރު ތޯމަސް އޮލިކަލް ވިދާޅުވިއެވެ.

އެ ކުންފުނިން އެކަން އިއުލާން ކުރީ އިސްރާއީލުން މިދިޔަ ހަފްތާގައި ޣައްޒާގައި ހުންނަ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ބޮން އަޅައި 471 މީހުން ޝަހީދުކޮށްލި ފަހުންނެވެ. ޝަހީދުކޮށްލި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ. މި ހަމަލާ ދީފައި ވަނީ އިސްރާއީލް ނޫން ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނި ނަމަވެސް އަލް ޖަޒީރާ އިން ވަނީ ހެއްކާއެކު މި ހަމަލާ ދިނީ އިސްރާއީލް ކަން ފަޅާ އަރުވާލައިފައެވެ.

އިސްރާއީލުން ހޮސްޕިޓަލްގެ ގޯތި ތެރެއަށް ހަމަލާ ދިނީ އެ ތަނުގައި ވަގުތީ ހިޔާވަހިކަން ހޯދައިގެން ޣައްޒާ ރައްޔިތުން ތިއްބައެވެ. އިންޑިއާގެ ކުންފުނިން ބުނެފައި ވަނީ އިސްރާއީލުން މި ހަމަލާ ދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނުން ކަމަށެވެ.

ފަލަސްތީނާއި އިސްރާއީލާ ދެމެދު ކުރިއަށްދާ ހަނގުރާމައިގައި މިހާތަނަށް އައިއިރު 4،400 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުން މަރާލާފައި ވަނީ 1،400 މީހުންނެވެ.