އިސްރާއީލުން ފަަލަސްތީނުގެ ޣައްޒާ އަށް ވައިގެ މަގުން ދިން ބޮމުގެ ހަމަލާއެއްގައި ފަލަސްތީނުގެ ނޫސްވެރިއަކު ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝަހީދުކޮށްލާފައި ވަނީ ރުޝްދީ ސަރާޖެވެ. އެ ހަމަލާ ދީފައި ވަނީ އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ކަމަށްވެއެވެ.

ނޫސްވެރިޔާ ރުޝްދީ

އިސްރާއީލާއި ފަލަސްތީނާ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގައި ވަރަށް ގިނަ އަދަދެއްގެ ނޫސްވެރިންތަކެއް ވަނީ މި ދުނިޔެއާ ވަކިވެފައެވެ. އޭގެ ތެރޭގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ނޫސްވެރިންނާއި ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުގެ ނޫސްވެރިން ވެސް ހިމެނެއެވެ. މި ހަނގުރާމައިގައި ވަރަށް ގިނަ ނޫސްވެރިންނަށް އަނިޔާވެސް ލިބިފައިވެއެވެ.

ދާދި ފަހުން ޔަހޫދީ ދައުލަތުން ދިން ހަމަލާއެއްގައި ލުބްނާންގައި ހަރަކާތްތެރިވަމުން ދިޔަ ރޮއިޓާސްގެ ނޫސްވެރިއަކު ވަނީ މަރާލައިފައެވެ. އެ ހަމަލާގައި ރޮއިޓާސްގެ ނޫސްވެރިން ކަމަށްވާ ތޭރް އަލް ސޫދާނީ އާއި މަހެރް ނަޒީހު އަށް ވެސް އެކިވަރުގެ އަނިޔާތަކެއް ވަނީ ލިބިފައެވެ.