ފަލަސްތީނުގެ ޣައްޒާއަށް ތެޔޮ ފޯރުކޮށްދިނުން މެދުކަނޑާލުމާއި ގުޅިގެން އިންކިއުބޭޓަރުގައި ބާއްވައިގެން ފަރުވާ ދޭން ޖެހޭ 120 ތުއްތު ކުދިންނަށް ފަރުވާ ނުދެވި އެ ކުދިންގެ ހާލަތު ނުރައްކާވެފައިވާކަމަށް އދ.ގެ ކުޑަކުދިންގެ އިދާރާއިން ބުނެފިއެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ވައިގެ މަގުން ދަނީ ހަމަލާތައް ދެމުންނެވެ. އަދި ހަމަލާތައް ދިނުމުގެ އިތުރުން ޣައްޒާ އިން ކަރަންޓު ކަނޑާލުމާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ތެރޭގައެވެ. ކާބޯތަކެއްޗާއި ބޯ ފެން ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ނުލިބެއެވެ.

އެ ގައުމުގައި ކަރަންޓު ނެތުމުގެ ސަބަބުން ހޮސްޕިޓަލްތަކުން ދޭ ހިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރައިގެން ގޮސްފައި ވެއެވެ. މިހާރު ހޮސްޕިޓަލުތައް އޮޕަރޭޓް ކުރަމުން ދަނީ ޖެނެރޭޓަރުގެ އެހީގައި ނަމަވެސް ތެޔޮ ނުލިބުމުގެ ސަބަބުން ހިދުމަތްތައް ވަނީ ހުއްޓިފައެވެ.

މި ނުރައްކަލުގެ ތެރޭގައި އެތައް ދުވަހެއް ޣައްޒާގެ ރައްޔިތުން އުޅެމުންދާއިރު، ފަލަސްތީނާއި މިސްރު ގުޅޭ ރަފާހް ބޯޑަރުން އިންސާނީ އެހީތައް ވެއްދުމުގެ ފުރުސަތު އިއްޔް ދިނެވެ. ނަމަވެސް ޣައްޒާ އަށް ތެޔޮ ވެއްދުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.

އދ.ގެ ކުޑަކުދިންގެ އިދާރާއިން މިއަދު ބުނީ ވަށާލާފައިވާ އެންކްލޭވްގައި ތެޔޮ ހުސްވެ، ޣައްޒާގެ ހޮސްޕިޓަލްތަކުގެ އިންކިއުބޭޓަރުތަކުގައި ތިބި އަލަށް އުފަންވި 120 ކުދިންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށެވެ.

ޔުނިސެފްގެ ތަރުޖަމާނު ޖޮނަތަން ކްރިކްސް ވިދާޅުވި ގޮތުގައި އިންކިއުބޭޓަރުގައި މިވަގުތު 120 ތުއްތު ކުދިން އެބަ ތިއްބެވެ. އޭގެ ތެރެއިން މެކޭނިކަލް ވެންޓިލޭޝަންގައި 70 ކުދިން އެބަތިބި ކަމަށް ވިދާޅުވިއެވެ.

"ހަމަ ޔަގީނުން ވެސް މިއީ ވަރަށް ކަންބޮޑުވާ ކަމެއް". އޭނާ ވިދާޅުވިއެވެ.

މިފަދަ ތުއްތު ކުދިންނަކީ މެޝިންގެ އެހީގައި ފަރުވާދޭން ޖެހޭ ކުދިންނެވެ. މީގެ ތެރެއިން ބައެއް ކުދިންނަކީ ދުވަސް ނުފުރާ ވިހޭ ކުދިންނަށްވާއިރު، ނޭވާ ލުމަށް އުނދަގޫވެގެން ފަރުވާ ދޭން ޖެހޭ ކުދިންވެސް ލަނީ އިންކިއުބޭޓަރަށެވެ.

މި ކުދިންނަށް އޭގެ އެހީ ނުލިބޭނެ ނަމަ މަރުގެ ތުންފަތްމައްޗަށް ހުށަހެޅިގެން ދެއެވެ.

އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 1،700 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

ތެޔޮ ނުލިބުމުގެ ސަބަބުން މިހާތަނަށް އައިއިރު ހަތް ހޮސްޕިޓަލަކުން ދޭ ހިދުމަތް ހުއްޓާލަން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.