އިސްރާއީލާއި ޣައްޒާ ގުޅޭ ސަރަހައްދުގެ ބޯޑަރު ކައިރިއަށް ދިޔަ އިސްރާއީލް ސިފައިންގެ ތެރެއިން މީހަކު ހަމާސް ޖަމާއަތުން ހަމަލާދީ މަރާލައިފިއެވެ.

ހަމާސް ޖަމާއަތުން މި ހަމަލާ ދީފައިވަނީ ޣައްޒާގެ ހުޅަނގު ފަރާތުގައި އޮންނަ ބޯޑަރު ސަރަހައްދަށް އިސްރާއީލުގެ ސިފައިންތަކެއް، އެމީހުންގެ ތެރެއިން ގެއްލިފައިވާ މީހުންގެ ހަށިގަނޑުތައް ފެނޭތޯ ބަލަން ގޮސް އުޅެނިކޮށެވެ. ގެއްލިފައިވާ މީހުން ހޯދުމުގެ އިތުރުން ވެސް އިސްރާއީލުން ނިންމައިގެން ތިބީ، އެސަރަހައްދު ހުސްކޮށް، ޣައްޒާއަށް އެސަރަހައްދުން ހަމަލާދިނުމަށެވެ.

އިސްރާއީލުގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި އެ ހަމަލާދިފައިވަނީ އެމީހުންގެ ސިފައިން ޓޭންކަރެއްގެ އިތުރުން، އިންޖިނިއަރިން ވެހިކަލެއްގައި ތިއްބައެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި ހަމާސްގެ މި ހަމަލާގައި އިސްރާއީލުގެ ސިފައިންގެ އެކަކު މަރުވެ، ތިން މީހަކަށް ވަނީ އެކި ވަރުގެ އަނިޔާ ވެފައެވެ.

ހަމާސްއިން މި ހަމަލާދީފައިވަނީ އިއްޔެގެ ވަގުތެއްގައި އިސްރާއީލުން ޣައްޒާގެ އުތުރުގެ ސަރަހައްދުން ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. އިސްރާއީލް ސިފައިން އެސަރަހައްދަށް ހަމަލާތަކެއް ދީފައިވަނީ، އެމީހުންގެ ހަމަލާތައް ވަރުގަދަ ކުރުމަށް އެސަރަހައްދު ހުސް ކުރުމަށެވެ.

ހަމާސް ޖަމާއަތާއި އިސްރާއީލާއި މިހާރު ކުރަމުން އަންނަ ހަނގުރާމައަކީ ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނަށް އިސްރާއީލުގެ ސިފައިން ދެމުން އަންނަ އަނިޔާއާއި ދެކޮޅަށް، އެރައްޔިތުން މިނިވަން ކުރުމުގެ ގޮތުން ކުރަމުން އަންނަ ހަނގުރާމައެކެވެ. މި ހަނގުރާމަ ފެށިފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.

ހަނގުރާމައިގައި މިހާތަނަށް އިސްރާއީލުގެ ގިނަ ބަޔަކު މަރުވެފައިވާއިރު، ފަލަސްތީނުގެ ގިނަ ބަޔަކު ވެސް ވަނީ ޝަހީދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަލޯ

    ޙަމާސް އަކީ މުޅި އިސްލާމީ އުއްމަތާއި ފަލަސްޠީން ގެ މަންދޫބުން! ޔަހޫދީންގެ ބަހަށް މި ޙަޤީޤަތް ބަދަލެއް ނުކުރެވޭނެ! ޙަމާސް ނެތްނަމަ އަޤްޞާ މިސްކިތާ ސޫރިޔާ ސުންނާފަތިވާނެތާ ކިތައްމެ ދުވަހެއް!

    17