އެއްވެސް ހުރަހެއް ނެތި ޣައްޒާއަށް ބޭނުންވާ އެހީ އެފަރާތްތަކަށް ލިބެން ޖެހޭ ކަމަށް ފްރާންސްގެ ރައީސް، އެމަނުއެލް މެކްރޮން ބުނެފިއެވެ.

ކައިރޯގައި މިސްރުގެ ރައީސް، އަބްދުލް ފައްތާހު އަލް ސިސީ އާއި އެކީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެކްރޮން ބުނެފައިވަނީ ހޮސްޕިޓަލްތަކަށް ތެޔޮ ފޯރު ކޮށްދިނުމަކީ ޒަރޫރީ ކަމެއް ކަމަށާއި ވަރަށް އަވަހަށް ފްރާންސްގެ މަނަވަރެއް ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޭނުންވާ އެހީ ހިފައިގެން ދާނެ ކަމަށެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިތުރު އެހީ ހިފައިގެން ދާ ފްލައިޓެއް މިސްރަށް ވަރަށް އަވަހަށް ދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އެހީގެ ވާހަކަ ހިއްސާ ކުރައްވަމުން މެކްރޮން ބުނެފައިވަނީ ޣައްޒާއަށް މިހާރު ކުރިމަތިވެފައިވާ ހާލަތުގައި ވެސް އެއްވެސް ހުރަހެއް ނެތި ޣައްޒާއަށް އެހީ ވެއްދެން ޖެހޭނެ ކަމަށެވެ.

ޣައްޒާއަށް ބޭނުންވާ އެހީ އެއްވެސް ހުރަހެއް ނެތި ލިބެން ޖެހޭ ކަމަށް މެކްރޮން ބުނެފައިވާއިރު، މީގެ ކުރިން އޭނާ ވަނީ އިސްރާއީލަށް ތާއީދުކޮށް ވެސް ވާހަކަ ދައްކާފައެވެ. އެގޮތުން ޣައްޒާއަށް ހަމަލާ ދިނުމަށް ފްރާންސްގެ ސިފައިން ފޮނުވަން ޖެހިދާނެ ކަމަށް ވެސް މެކްރޮން ވަނީ ބުނެފައެވެ.

ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި މެކްރޮން އެފަދައިން ބުނެފައިވަނީ ހަމާސް އާއި އިސްރާއީލުން ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން ހަމާސްއިން ދިން ހަމަލާއެއްގައި ފްރާންސްގެ 30 ވަރަކަށް މީހުން މަރުވުމާއި ގުޅިގެންނެވެ.