އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ޣައްޒާގެ ރައްޔިތުންނަށް ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަކޮށް ގިނަ ބަޔަކު ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާއަށް އުފަން އެހެން ނަމަވެސް ޚާން ޔޫނިސްގައި މިހާރު ދިރިއުޅެމުން އަންނަ މަންސޫރު ޝައުމަން ވަނީއަލްޖަޒީރާ ނޫހާއި ވާހަކަ ދައްކަމުން އިސްރާއީލުން ހޮސްޕިޓަލް ކައިރިއަށް ދިން ހަމަލާ ސިފަ ކޮށްދީފައެވެ.

އެގޮތުން އޭނާ ބުނެފައިވަނީ ހަމަލާދިން ވަގުތު އެތަނުގައި ގާތްގަނޑަކަށް 15،000 ވަރަކަށް ރެފިއުޖީން ތިބި ކަމަށާއި އެމީހުން ނަމާދު ކުރަން ތިއްބާ ފަހަތުން އިވުނީ ބާރު އަޑެއް ކަމަށެވެ. އެއީ ހޮސްޕިޓަލުގެ ހުޅަނގު ފަރާތެވެ.

އެހަމަލާގައި ގިނަ އިމާރާތްތަކެއް ބިމާހަމަވި ކަމަށާއި ގިނަ އިރުތަކެއް ވަންދެން އެމްބިއުލާންސްތައް ޝަހީދުވެފައި ތިބި މީހުންގެ ހަށިގަނޑު ތަކާއި ޒަހަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް އެސަރަހައްދަށް އައިސް އުޅުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނި ގޮތުގައި އިސްރާއީލުން ދިން އެ ހަމަލާއަކީ ގަތުލު އާންމެކެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ އެތަނުގައި އެވަގުތު ތިބި ޑޮކްޓަރުންނާއި ނަރުހުންނަކީ ހުނަރުން ފުރިގެންވާ ބައެއް ކަމަށާއި، ބަލި މީހާއަށް ބަލާފައި، އިތުރަށް ފަރުވާ ބޭނުންވާ މީހުންނަށް އަވަސް ފަރުވާދީ، އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.

އަލްޖަޒީރާ ނޫހާއި ވާހަކަ ދައްކަމުން އޭނާ ވަނީ ޣައްޒާއަށް ވީ އެންމެ އަވަހަށް ތެޔޮ ބޭނުންވާކަން ވެސް ފާހަގަ ކޮށްފައެވެ.