ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއިލަށް ހަމަލާ ދެނީ ސަބަބެއް ނެތި ނޫން ކަމަށް އދ. ގެ ވެރިޔާ އެންތޯނިއޯ ގުތިއަރޭޒް ވިދާޅުވުމާ ގުޅިގެން އިސްރާާއިިލުގެ ރުޅިގަނޑު އިންތިހާއަށް އަމާޒުވެއްޖެއެވެ.

އިއްޔެ އޮތް އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި އެންތޯނިއޯ ވިދާޅުވީ ފަލަސްތީނުގެ މީހުންނަށް ހަމަނޭވާ ލުމުގެ ފުރުސަތު އިސްރާއިލުން ނުދީ އޮންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ.

ނަމަވެސް ހަމާސްގެ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށް ވެސް އެންތޯނިއޯ ވިދާޅުވިއެވެ. އެކަމަކު ހަމާސްއާ ހުރެ ފަލަސްތީނުގެ އެންމެނަށް އޭގެ ނުލަފާކަން ދައްކަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންތޯނިއޯ އެފަދައިން ވިދާޅުމާ ގުޅިގެން އިސްރާއިލުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގިލާދު އެރުދާން ވިދާޅުވީ އޭނާގެ ވާހަކަތަކުން ޝޮކެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އަދި އެންތޯނިއޯއަށް އެއްވެސް ހަގީގަތެއް ނޭނގޭ ކަމަށާއި އަދި އޭނާ އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލެއްވިއެވެ.

އިސްރާއިލުގެ ފޮރިން މިނިސްޓަރު އެލީ ކޮހޭން ވިދާޅުވީ އެންތޯނިއޯއާ ދެން ބައްދަލު ނުކުރައްވާނެ ކަމަށެވެ.

ހަމާސްއިން ހަމަލާ ދިނީ ސަބަބަުތަކާ ހުރެ ކަމަށް އދ. ގެ ވެރިޔާ ވިދާޅުވި އިރު އިސްރާއިލަށް ތާއިދު ކުރާ ވަރަށް ގިނަ ހުޅަނގު ފަރާތްތަކުން ހަމާސްގެ ހަމަލާ ސިފަކޮށްފައި ވަނީ އެއްވެސް ސަބަބެއް ނެތި ދިން ހަމަލާއެއްގެ ގޮތުގައެވެ.

އިސްރާއިލާއި ޣައްޒާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ފެށުނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. ނަމަވެސް އެ ހަނގުރާމަ ނިމޭނެ ކަމުގެ އުއްމީދެއް އަދި ނުފެށެއެވެ. އަދި އިސްރާއީލުން މިހާރު ދަނީ ޣައްޒާއަށް އެއްގަމު މަގުން ވަނުމަށް ތައްޔާރުވަމުންނެވެ. އިސްރާއިލުން ބުނަ ގޮތުގައި ހަނގުރާމަ އެތައް މަހަކަށް ވެސް ދެމިގެން ހިނގައިދާނެއެވެ.

ހަމާސް ޖަމާއަތާއި އިސްރާއިލާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 6،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެސް ކޮށްލައިފައެވެ.

ހަނގުރާމަ ހުއްޓުމަށް އދ. އަށް ގަރާރެއް ހުށަހަޅި ނަމަވެސް އެ ގަރާރު އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ކޮން ރުޅިއެއް އަންނާކަށް! ތި ދައްޖާލުންތަކަކީ ﷲގެ ނަބިއްޔުން ޤަތުލުކުރި މީހުން! އެވަރު ބަޔަކު އާންމު އިންސާނުން މެރުމުގައި ފަސްނުޖެހޭނެ!

  2. އަހުމަދު

    ހަގީގަތަށް ވާހަކަ ދައްކާ ކޮންމެ މީހަކުވެސް ބުނާނީ ހަމާސް ޖަމާއަތުން ހަމަލާ ދިނީ އެނޫން އެހެން ގޮތެއް ނެތީމައޭ..

    26
  3. Anonymous

    ޔަހޫދީއެއްވެސް އިންޓަނޭސަނަލް ލޯ އައްވެރެ މައްޗަކުނޫޅެވޭނެ. މީހުން އެހެން ޓްރީތްކޮށްކޮށް ފޮނިބޮޑުވެފަ އެތިބީ ނުލަފާ މީހުންތައް