ޔަހޫދީ އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު ނޫސްވެރިއަކާއި އޭނާގެ ދަރިފުޅު ޝަހީދުކޮށްލައިފިއެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ހުއްޓުމެއް ނެތި ދަނީ ހަމަލާ ދެމުންނެވެ. މި ހަމަލާތަކުގައި އެތައް ބަޔަކު މިހާތަނަށް ޝަހީދުވެފައިވާއިރު، ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންގެ އަދަދުތައް ގިނައެވެ.

އަދި ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ނޫސްވެރިންނާއި ސިއްހީ ހިދުމަތްތެރިންނާއި އެ މީހުންގެ އާއިލާތައް ހިމެނެއެެވެ.

މިގޮތުން އިއްޔެވެސް ފަލަސްތީނުގެ ނޫސްވެރިއެއްގެ އާއިލާ ޝަހީދުކޮށްލާފައިވާއިރު، ރޭ ވަނީ ޑޮކްޓަރެއްގެ އާއިލާ ޝަހީދުކޮށްލައިފައެވެ.

މިފަހަރު ޝަހީދުކޮށްލާފައި ވަނީ ފަލަސްތީނުގެ ނޫސްވެރިޔާ ދުއާ ޝަރަފާއި އޭނާގެ ތުއްތު ދަރިފުޅެވެ. އޭނާއާ ދަރިފުޅު ޝަހީދުކޮށްލާފައި ވަނީ އޭނާގެ ގެއަށް އިސްރާއީލުގެ ޖެޓްތަކުން ދިން ބޮމުގެ ހަމަލާއެއްގައެވެ.

ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާގެ މެދުތެރޭގެ އަޒް ޒަވައިދާ ސަރަހައްދުގައި ހުންނަ ގެއަކަށް ގިނަ މިސައިލްތަކެއް ފޮނުވާލައި، އެ މީހުން ވަނީ ޝަހީދުވެފައެވެ.

ވޮއިސް އޮފް އަލް އަގްސާ ރޭޑިއޯއިން ޓެލެގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ސްޓޭޝަންގެ ޕްރެޒެންޓަރެއްގެ ގޮތުގައި ހުރި ޝަރަފް ޝަހީދުވިކަން ކަށަވަރުކޮށްދީފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 22 ނޫސްވެރިއަކު ވަނީ ޝަހީދުވެފައެވެ.