އިސްރާއީލުގެ ޔަހޫދީން ހުއްޓުމެއް ނެތި ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޣައްޒާގައި ހުންނަ އިންޑޮނޭޝިއާގެ ހޮސްޕިޓަލްގެ ހެޑް އޮފް ސާޖަރީ ޑރ. މުހައްމަދު އަލް ރަންގެ އާއިލާ ޝަހީދުކޮށްލައިފިއެވެ.

އިންޑޮނޭޝިއާ ހޮސްޕިޓަލަކީ އުތުރު ޣައްޒާގެ ގަވަރުނަރޭޓްގެ ބައިތު ލަހިއާގައި ހުންނަ ހޮސްޕިޓަލެކެވެ.

ގުދުސް ނެޓްވޯކްއިން ބުނީ، ޔަހޫދީން ދިން ވައިގެ ހަމަލާތަކެއްގައި އެ ޑޮކްޓަރުގެ އާއިލާގެ އެންމެން ޝަހީދުވެފައިވާ ކަމަށެވެ.

އިސްރާއީލުން ގެންދަނީ ޑޮކްޓަރުންނާއި ނޫސްވެރިންގެ އާއިލާތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.

ޔަހޫދީންގެ ހަމަލާތަކުގައި އެތައް ބަޔަކަށް އަނިޔާވަމުންދާއިރު، އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ.

މިގޮތުން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށށިގެން އިއްޔެެ އާއި ހަމައަށް ޣައްޒާއިން އެކަނި 6،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ހަމަލާތަކުގައި އަނިޔާވި މީހުންގެ އަދަދު ވަނީ 15،000 އަށްވުރެ މައްޗަށް އަރައިފައެވެ.