އިސްރާއިލުން ޣައްޒާއަށް މިހާރު ދެމުންގެންދާ އިންސާނިއްޔަތުކަމެއް ނެތް ވަރުގަދަ ހަމަލަތަކާ ގުޅިގެން އިސްރާއިލަށް ތާއިދުކުރާ ޑިޕްލޮމެޓުން ލީބިޔާ ދޫކޮށް ދިއުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އަންގައިފިއެވެ.

ލީބިޔާގެ އިރުމަތި ކޮންޓްރޯލް ކުރާ ސަރުކާރުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އިސްރާއިލަށް ތާއިދުކުރާ އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސްއާއި އިޓަލީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

އެ ގާނޫނު ހަދާ މަޖިލީހުން ނެރުނު ބަޔާނުގައި ވަނީ އިސްރާއިލަށް ތާއިދުކުރާ އެހެން ގައުމުތަކުގެ އެމްބެސެޑަރުން ގައުމު ދޫކޮށް ދިއުމަށް ވެސް އަންގައިފައެވެ.

ހަމަ އެހެންމެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ނުހުއްޓައިފިނަމަ ލީބިޔާއިން ތެޔޮ އެކްސްޕޯޓު ކުރުން ހުއްޓާލާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން ލީބިޔާ ރައްޔިތުން ދަނީ ފަލަސްތީނުގެ މީހުންގެ ހައްގުގައި ވަރަށް ބޮޑަށް އަޑު އުފުލަމުންނެވެ.

އިސްރާއިލާއި ޣައްޒާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ފެށުނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. ނަމަވެސް އެ ހަނގުރާމަ ނިމޭނެ ކަމުގެ އުއްމީދެއް އަދި ނުފެށެއެވެ. އަދި އިސްރާއީލުން މިހާރު ދަނީ ޣައްޒާއަށް އެއްގަމު މަގުން ވަނުމަށް ތައްޔާރުވަމުންނެވެ. އިސްރާއިލުން ބުނަ ގޮތުގައި ހަނގުރާމަ އެތައް މަހަކަށް ވެސް ދެމިގެން ހިނގައިދާނެއެވެ.

ހަމާސް ޖަމާއަތާއި އިސްރާއިލާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 6،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެސް ކޮށްލައިފައެވެ.

ހަނގުރާމަ ހުއްޓުމަށް އދ. އަށް ގަރާރެއް ހުށަހަޅި ނަމަވެސް އެ ގަރާރު އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުޙައްމަދު

    ބަރާބަރު. މިހެންވާން ޖެހޭނެ.

    20
    1
  2. ނަބާ

    ތިޔަ ހުރިހާ ޔަހޫދީންތަައް ބޭރުކުރޭ !! ނުބައި ނުލަފާ ބައެއް ! ޔަހޫދީނަްނަށް ހަލާކުހުރި !

  3. ކުރުކުރު

    ތިޔަ ތެޔޮ އެކސްޕޯޓް ކުރުން ހުއްޓަން ނުވޭތަ އަދވެސް.؟ މުޅ ފަލަސްތީން ސުންނާފަތި ކޮށްފިކަލޭމެންވެސް ދުނިޔޭގެ ދަިވެތިކަމުގަ ތިޔަ ހެން ކިޔަކިޔާ ތިބެނީ

  4. ހުސޭނުބޭ

    ސައޫދީއާއި، ޤަތަރާއި ޔޫއޭއީންވެސް އެހެން ކަންތައް ކޮށްބަލަ! ޢާއިލީ ވެރިކަން ގެއްލިދާނޭތީވެ އިޒްރޭލު ދެފައިގައި ދޫލާށޭ ތި ތިބެނީ.

    10