ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާގެ ދަރިފުޅު ރަހީނު ކުރަން ގޭންގަކުން މަސައްކަތްކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ އާއި އޭނަގެ ލޯބިވެރިޔާ ބްރޫނާ ބިއަންސިއާޑީގެ އެއް މަހުގެ އަންހެން ދަރިފުޅު މަވީ ރަހީނު ކުރުމަށް ގޭންގަކުން މަސައްކަތް ކޮށްފިއެވެ.

ބްރޫނާ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހަތިޔާރު އެޅި ދެމީހަކު އެމީހުންގެ ގެޔަށް ވަދެ ނޭމާގެ ދަރިފުޅު ހޯދި ކަމަށެވެ. ގަހަނާ އާއި ރަން ނެގުމަށްފަހު އެމީހުން ދިޔައީ ކަމަށާއި އެއްވެސް މީހަކަށް އަނިޔާކޮށްފައި ނުވާ ކަމަށް ބްރޫނާ ވަނީ ބުނެފައެވެ. އެވަގުތަކީ އޭނަގެ ދަރިފުޅު ގޮވައިގެން ބްރޫނާގެ ދައްތަ ބޭރުގައި އުޅުނު ވަގުތަކަށެވެ.

އެހެންކަމުން ގެޔަށް އައި ވަގުތު އެމީހުންނަށް ނޭމާގެ ދަރިފުޅާއި ދިމާނުވީއެވެ. އަދި ގޭގައި އެންމެން ތިބިއިރު ނޭމާގެ ދަރިފުޅު ހޯދުމުން ބްރޫނާ ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބޭރުގެ މީޑިއާތަކުން ބުނެފައިވަނީ ބްރޫނާގެ ގެއަށް ވަގަށް ވަން މީހުންގެ ތެރެއިން އެކަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުން އަންނަކަމަށެވެ.

ބްރޫނާގެ ގެއަށް ގޭންގަކުން ވަގަށް ވަދެފައި މިވަނީ ކޮލަމްބިއާގެ ލިވަޕޫލް ފޯވަޑް ލުއިޒް ޑިއާޒްގެ ބައްޕަ ވަގަށް ނެގިތާ ހަފުތާއެއް ފަހުންނެވެ. ލުއިޒް ޑިއާޒްގެ ބައްޕަ ރަހީނުކުރި މީހުން އަދިވެސް އޭނާ ދޫކޮށްލާފައި ނުވާއިރު ބްރޫނާގެ ގެއަށް ގޭންގަކުން ވަން ހާދިސާ އާ ގުޅިގެން ނޭމާ އާއި އޭނާގެ އާއިލާއަށް ވަނީ ބޮޑު ޝޮކެއް ލިބިފައެވެ.

މިއީ އުމުރުން 31 އަހަރުގެ ނޭމާ ޖޫނިއަރގެ ދެވަނަ ދަރިފުޅެވެ. އޭނާއަށް އެންމެ ފުރަތަމަ ލިބިފައިވާ ފިރިހެން ދަރިފުޅު ޑާވީ ލޫކާއަށް މިހާރު ވަނީ 11 އަހަރު ފުރިފައެވެ.

ބްރޫނާއާއި ނޭމާ ވަނީ 2020 ވަނަ އަހަރުގައި ސިއްރުން ލޯބީގެ ގޮތުން ގުޅިގެން އުޅެން ފަށައިފައެވެ. އެއަށްފަހު، 2021 ވަނަ އަހަރުގައި މީޑިއާތަކަށް އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ފަޅާއެރި ހިސާބުން މި ދެ ތަރިން ވަނީ އެކަމަށް އެއްބަސްވެފައެވެ.

އެ ދެމީހުން ވަނީ މީގެ ކުރިން އެކަކު އަނެކަކާއި އެންގޭޖްވެސް ވެފައިއެވެ. އެހެން ނަމަވެސް، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ދެމީހުންގެ ދެމެދު މައްސަލަ ޖެހިގެން އެ އެންގޭޖްމަންޓް ރޫޅިވެފައި ވަނިކޮށް އަނެއްކާވެސް މިއަހަރު ފެށުނު ހިސާބުން ނޭމާއާއި ބްރޫނާ ވަނީ އަލުން ގުޅިފައެވެ.