ކަރަންޓް ކެނޑި ޣައްޒާގެ އިންޑޮނޭޝިއަން ހޮސްޕިޓަލުގެ ހިދުމަތްތައް އެއްކޮށް ހުއްޓިއްޖެއެވެ.

ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލާއި ދެކޮޅަށް މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށި ހަނގުރާމައާއި ގުޅިގެން އިސްރާއީލުން އަންނަނީ ހަމާސް ޖަމާއަތަށް ދަތިކުރުމަށް ކަމަށް ޣައްޒާގެ ރައްޔިތުންނަށް ދިރިއުޅެން އުނދަގޫވާވަރު ކުރަމުންނެވެ. އެގޮތުން ޣައްޒާގައި ހުންނަ ހަމައެކަނި އިންޖީނުގެއަށް ބޭނުންވާ ތެޔޮ ފޯރުކޮށްނުދީ ވަނީ ހުއްޓުވާފައެވެ.

އެކަމުގެ ސަބަބުން ޣައްޒާގެ ގިނަ ހޮސްޕިޓަލްތަކަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ. އަދި ހަމަލާތަކުގެ ސަބަބުން ވެސް ޣައްޒާގެ 21 ހޮސްޕިޓަލެއް ވަނީ ބަންދު ކޮށްފައެވެ.

ނިރުބަވެރިން ތެޔޮ ފޯރުކޮށްނުދިނުމުގެ ސަބަބުން މީގެ ކުރިން ވެސް ބައެއް ހޮސްޕިޓަލްތަކުގެ ހިދުމަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށް ބައިނަލްއަގުވާމީ އިދާރާތަކުން ވެސް ވަނީ ބުނެފައެވެ.

އަދި މިހާރު ބައެއް ހޮސްޕިޓަލްތައް ވަނީ އެއްކޮށް ގޮތަކަށް ހުއްޓުމަކަށް އައިސްފައެވެ. އޭގެ ތެރޭގައި ޣައްޒާގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލް ހިމެނެއެވެ. މިއަދުގެ ވަގުތެއްގައި އެހޮސްޕިޓަލުގެ ހުރިހާ ހިދުމަތެއް ހުއްޓުމަކަށް އައިސްފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ޣައްޒާގައި ހުންނަ ކުދަކުދިންގެ އެންމެ ބޮޑު ހޮސްޕިޓަލް ވެސް ވަނީ ހިދުމަތް ނުދެވި ބަންދު ކުރަން ޖެހިފައެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތައް ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ރެފިއުޖީ ކޭމްޕްތަކަށް އަމާޒުވެފައިވާއިރު، މިއަދު ވެސް ޣައްޒާގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 50 މީހަކު ޝަހީދު ނުވަތަ މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.