“އެކަށީގެންނުވާ” ގޮތުގައި ޓިކްޓޮކް ބޭނުން ކުރާތީ އިޖުތިމާއީ އެއްބައިވަންތަކަމަަށް ބުރޫ އަރާ ކަމަށާއި، އެކަންކަން ރަނގަޅު ކުރުމަށް އޮތް ޑިމާންޑު ބޮޑުވަމުންދާ ކަމަށް ބުނެ، ނޭޕާލުގައި ޓިކްޓޮކް މަނާ ކުރަން ނިންމައިފިއެވެ.

ނޭޕާލުގެ ކޮމިއުނިކޭޝަންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ރޭކާ ޝަރުމާ ވިދާޅުވީ އެ ގައުމުގައި ޓިކްޓޮކް މަނާކުރަން ނިންމީ އިއްޔެ އޮތް ކެބިނެޓް ބައްދަލުވުމެއްގައި ކަމަށެވެ.

ރޭކާ ވިދާޅުވީ އެފަދަ ނިންމުމެއް ނިންމީ އިޖުތިމާއީ އެއްބައިވަންތަކަމަށް ބުރޫ އަރާ، އަދި އާއިލީ އަދި އިޖުތިމާއީ ގުޅުންތައް ހަލާކު ވެގެންދާ ފަދަ ކޮންޓެންޓު، ޓިކްޓޮކްގެ ޒަރީއާއިން ހިއްސާ ކުރަމުން ގެންދާތީ ކަމަށެވެ.

ރޭކާ އިތުރަށް ވިދާޅުވެފައި ވަނީ ޓެކްނިކަލް ގޮތުން ޓިކްޓިކް ބަންދު ކުރަން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރިއަށް ދާ ކަމަށެވެ.

މިހާރުވެސް ވަރަށް ގިނަ ގައުމުތަކުގައި ޓިކްޓޮކް ވަނީ އެކީގައި ނުވަތަ އޭގެ ވަކި ބައިތަކެއް ވަނީ މަނާކޮށްފައެވެ. ގިނަ ގައުމުތަކުން ޓިކްޓޮކް މަނާކޮށްފައި ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމުގައި ބުނެއެވެ.

ނޭޕާލުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ފާއިތުވި 4 އަހަރުގެ ތެރޭގައި ޓިކްޓޮކާއި ގުޅުން ހުރި 1600 އަށް ވުރެ ގިނަ ސައިބަރ ކުށްތައް ވަނީ ދަފްތަރު ކުރެވިފައެވެ.

ނޭޕާލުގެ ޓެލެކޮމް އިދާރާގެ ވެރިޔާ ޕުރުޝޮއްތަމް ކަނަލް ވިދާޅުވެފައިވަނީ ޓިކްޓޮކް ބަންދު ކުރުމަށް އެގައުމުގެ އިންޓަރނެޓް ފޯރުކޮށްދޭ ފަރާތްތަކަށް މިހާރު އަންގާފައި ވާނެ ކަމަށާއި، ގިނަ ފަރާތްތަކުން މިހާރު އެކަން ކޮށްފައިވާ ކަމަށެވެ.

މަހަކު އެއް ބިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ ޓިކްޓޮކް އަކީ ޗައިނާގެ ކުންފުންޏަކުން ހިިންގާ އެޕެކެވެ. އަދި މަޝްހޫރު ވެބްސައިޓުތަކުން މައުލޫމާތު ދޭ ގޮތުގައި އެ އެޕަކީ ދުނިޔޭގައި 6 ވަނަ އަށް އެންމެ ގިނައިން ބޭނުން ކުރެވޭ މީސްމީޑިއާ މަންސައެވެ.

ޒުވާނުންނަށް ޓިކްޓޮކުން ކޮށްފާނެ ނޭދެވޭ އަސަރުތަކުގެ ސަބަބުން ޓިކްޓޮކް ބޭނުންކުރުން ކޮންޓްރޯލު ކުރަން ގިނަ ގައުމުތަކަކުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

ގައުމީ ސަލާމަތަށް ނުރައްކާ ވާކަމަށް ބުނެ އަވައްޓެރި އިންޑިއާއިންވެސް ވަނީ 2020 ވަނަ އަހަރުގެ ޖޫން މަހު ޓިކްޓޮކާއި، އަދި ޗައިނާގެ އެހެނިހެން އެތައް އެޕެއް އެގައުމުގައި މަނާކޮށްފައެވެ. އަދި ޕާކިސްތާނުންވެސް ވަނީ “ބަދުއަހުލާގީ ކޮންޓެންޓު” ހުންނަ ކަމަށް ބުނެ 4 ފަހަރެއްގެ މަތިން އެ ގައުމުގައި ޓިކްޓޮކް މަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަފްސާ

    ރާއްޖޭގަ ވެސް ތިޔަބުނާއެއްޗެއް ބަންދުކުރަންޖެހޭ

    • ޓިކްޓޮކް

      ތިކަމެއް ނުވާނެ ނުން ! ކަންމަތީ އާންޓީސް މެން ސުއިސައިޑްވެސް ވެދާނެ ! އެކަމަކު ތީތި މަނާ ކޮށްފިއްޔާ އަހަރެން ހާދަ އުފާ ވާނެއޭ! މިއުޅޭ އަންހެނުންގެ ސަބަބުން ފިރިހެނުން މަގު ފުރެދެމުން ވިއްޔާ އެދަނީ �