ނޭޕާލުގެ މީހަކު ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ އެވަރެސްޓަށް އެންމެ ގިނައިން އެރުމުގެ ރެކޯޑު ހަދައިފިއެވެ.

މައުންޓް އެވަރެސްޓަށް އަރައި ރެކޯޑް ހަދާފައިވަނީ ނޭޕާލުގެ އުމުރުން 54 އަހަރުގެ ކަމީ ރިޓާ ޝެރްޕާ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ވަނީ 30 ފަހަރު އެވަރެސްޓް ފަރުބަދައަށް އަރާފަ އެންމެ ގިނައިން އެ ފަރުބަދައަށް އެރި މީހާގެ ރެކޯޑް މުގުރާލާފައެވެ. ކަމީ ރިޓާ އަކީ އެވަރެސްޓް ފަރުބަދައަށް އަރާ މީހުންނަށް މަގުދައްކައިދޭން މަސައްކަތް ކުރާ ގައިޑެކެވެ. އޭނާ އެވަރެސްޓް ފަރުބަދައަށް އެންމެ ފުރަތަމަ އެރީ 1994 ވަނަ އަހަރު ގައެވެ. އޭގެ ފަހުން އޭނާ ވަނީ ކޮންމެ އަހަރަކު އެ ފަރުބަދައަށް އަރާފައެވެ.

އޭނާ އެ ފަރުބަދައަށް އަރާ ގިނަކަމުން ގިނަ ބަޔަކު އޭނާއަށް "އެވަރެސްޓް މޭން" ގެ ނަމުން ގޮވައެވެ.

ނޭޕާލުގައި ދުނިޔޭގެ އެންމެ އުސް 10 ފަރުބަދަ ތަކުގެ ތެރެއިން 8 ފަރުބަދަ ހިމެނެއެވެ. އޭގެ ތެރޭގައި އެވަރެސްޓް ފަރުބަދަވެސް ހިމެނެއެވެ. މި ފަރުބަދަތަކަށް އެރުމަށް ނޭޕާލަށް ދުނިޔޭގެ އެކި ގައުމުތަކުން މީހުން ޒިޔާރަތް ކުރެއެވެ. އެގޮތުން މިއަހަރު އެކަނިވެސް ނޭޕާލުގެ ސަރުކާރުން ވަނީ ފަރުބަދަތަކަށް އެރުމަށް 900 އަށްވުރެ ގިނަ ހުއްދަ ދޫކޮށްފައެވެ.

ވޭތުވެދިޔަ އަހަރު 600 މީހުންނަށް ވުރެ ގިނަ މީހުން ވަނީ އެވަރެސްޓް ފަރުބަދައަށް އަރާފައެވެ.

މި ސީޒަންގައި ފަރުބަދަތަކަށް އަރާ މީހުން މަރުވާ އަދަދު 5 އަށް އަރާފައިވާއިރު ހަތަރު ވަނައަށް އެންމެ އުސް ފަރުބަދައަށް އަރަން އުޅުނު ރޮމޭނިއާ މީހަކުވެސް ވަނީ މަރުވެފައެވެ. މި ހަފްތާގެ ކުރީކޮޅު މޮންގޯލިއާގެ ދެ ފަރުބަދައަށް އެރި މީހަކު ގެއްލިފައިވާއިރު، ފަހުން އެވަރެސްޓްގެ މައްޗަށް އަރައި މަރުވެފައި އޮތް މީހަކު ވަނީ ފެނިފައެވެ. އަދި ދުނިޔޭގެ ފަސްވަނައަށް އެންމެ އުސް ފަރުބަދަ މަކަލޫގައި މި ސީޒަނުގައި ފްރާންސްގެ އެކަކާއި ނޭޕާލް މީހަކު ވަނީ މަރުވެފައެވެ

މިދިޔަ އަހަރު އެވަރެސްޓްގެ ކޮޅަށް 600 އަށް ވުރެ ގިނަ މީހަުން އަރާފައިވާއިރު 18 މީހަކު ވަނީ މަރުވެފައެވެ.