ނޭޕާލުން އިންޑިއާ އަށް ކަރަންޓު ވިއްކުމަށް އެއްބަސްވެއްޖެއެވެ.

އިންޑިއާ އާއި ނޭޕާލުން ވަނީ 10 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާ އަށް 10000 މެގަ ޓަނުގެ ހައިޑުރޯއެލެކްޓްރިސިޓީ ވިއްކަން އެއްބަސްވެ އެެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މި ކަރަންޓް އުފައްދާނީ ފެނުން ކަމަށާއި މި ޕްރޮޖެކްޓްގެ ސަބަބުން ނޭޕާލުގެ ހީނަރުވެފައިވާ އިގްތިސޯދަށް ހެޔޮ ބަދަލުތަކެއް އައިސް އެ ގައުމަށް ކުރިއެރުން ތަކެއް އަންނާނެ ކަމަށް ނޭޕާލުގެ ސަރުކާރުން ބުނެއެވެ.

ނޭޕާލަކީ ހިމާލިޔަން ފަރުބަދަތަކުގެ ތެރޭގައި އޮންނަ ގައުމެއް ކަަމުން އެ ގައުމުގައި ބާރަށް ދެމޭ އެތައް ކޯރުތަކެއްވެއެވެ. ނަމަވެސް ކޯރުތަކުގެ ބޭނުން ކޮށްގެން ފެނުން ކަރަންޓް އެފެއްދުމާއި އެ ކަމަށް ބޭނުންވާ އިލްމާއި ޓެކްނިކަލް ހުނަރުވެރިކަން ނޭޕާލަށް ލިބިފައެއް ނުވެއެވެ.

އެ ކޯރުތަކުގެ ހަލުވި ދުވެލި ބޭނުންކޮށްގެން އަހަރަކު 420،000 މެގަ ޓަނުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އެ ގައުމަށް ލިބިގެންވެއެވެ.

އިންޑިއާ އިން ވަނީ މި ޕްރޮޖެކްޓް ނޭޕާލުގައި ހިންގުމަށްޓަކައި އެގައުމުގައި އެތަށް ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ނިންމާފައެވެ. އެގޮތުން ނޭޕާލުގައި އެތަކެއް ހައިޑުރޯ ޕުލާންޓް ތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އިންޑިއާ އިން ކުރިން ވެސް ވަނީ ނޭޕާލުގައި ހަކަތައިގެ އެކި މަޝްރޫއުތަކަށް އިންވެސްޓް ކޮށްފައެވެ.

ނޭޕާލަކީ އިންޑިއާ އަދި ޗައިނާގެ ވެސް އަވެއްޓެރި ގައުމެކެވެ. ޗައިނާ އިން ވެސް ދަނީ ނޭޕާލުގައި އެ ގައުމުގެ ނުފޫޒު ވަރުގަދަ ކުރުމަށް ބުރަ ކޮށް މަސައްކަތް ކުރަމުންނެވެ. އެ ސަބަބަށް ޓަކައި އިންޑިއާ އިން ވެސް ދަނީ ނޭޕާލާއި އޮންނަ ގުޅުން އެކި ގޮތް ގޮތުން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންނެވެ.