ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލު އަސްކަރީ ބޭނުމަށް ބޭނުން ކުރާ ކަމަށް އިސްރާއީލުން ކުރަމުން ދިޔަ ތުހުމަތުތަކަށް އެއްބާރުލުން ދިނުމަށްފަހު، އެ ހޮސްޕިޓަލު ރެއިޑް ކުރަން އިސްރާއީލަށް ފެހި ސިގްނަލެއް ދީފައި ނުވާނެ ކަމަށް އެމެރިކާ އިން ބުނެފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އަލް ޝިފާ ހޮސްޕިޓަލުގެ ރެއިޑްގައި ބައިވެރިވެފައިވާ ކަމަށް ޣައްޒާގެ ހަމާސް ޖަމާއަަތުން ކުރި ތުހުމަތުތައް އެމެރިކާގެ ގައުމީ ސަލާމަތާއި ބެހޭ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާބީ ވަނީ ދޮގު ކުރައްވާފައެވެ.

”ހޮސްޕިޓަލުގެ ވަށައިގެން އެމީހުން ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަން ތަކަށް އަހަރެމެން އޯކޭ އެއް ނުދެން.” ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ކާބީ ވިދާޅުވެފައި ވެއެވެ.

މިދިޔަ އަންގާރަ ދުވަހު ބައިޑަން އާއި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަތަކުގެ ތެރެއިން، މި ހަމަލާ ދޭން އުޅޭ ކަމުގެ އިންޒާރު ކުރިއާލައި އިސްރާއީލުން ދީފައިވޭތޯ ކުރި ސުވާލަށް ޖަވާބު ދޭން ކާބީ ވަނީ ދެކޮޅު ހައްދަވާފައެވެ.

”އެ ބޭފުޅުންގެ ވާހަކަތަކުގެ ތަފްސީލަކަށް އަހަރެން ނުދާނަން.” ކާބީ ވިދާޅުވިއެވެ.

އެމެރިކާގެ އިންޓެލިޖެންސުން ބަލާފައިވާ ބެލުންތަކުން، ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލު ގެ އަޑީގައި ހަމާސްގެ ކޮމާންޑު ސެންޓަރެއް ހުރިކަމަށް އިސްރާއީލުން ކޮށްފައިވާ ތުހުމަތުތަކަށް ބާރު ލިބޭ ކަމަށް އެމެރިކާ އިން ކުރިން ވަނީ ބުނެފައެވެ.

ޔަހޫދީ ސިފައިން ވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައި، އެތައް ސަތޭކަ ބަލިމީހުންނާއި، މަގުމަތިވެފައިވާ މީހުން ހިޔާވަހިކަން ހޯދަމުން ދިޔަ އަލް ޝިފާ ހޮސްޕިޓަލަށް ވަދެގަނެ އެ ހޮސްޕިޓަލު ރެއިޑް ކޮށްފައެވެ. އެއާއި އެކު ބައިނަލް އަގުވާމީ ޖަމިއްޔާ ތަކުންނާއި، ސިޔާސީ ލީޑަރުން ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ.

”ހޮސްޕިޓަލުތަކަކީ ހަނގުރާމައިގެ މައިދާންތަކެއް ނޫން.” އެ ރެއިޑާއި ގުޅިގެން އދ އިންސާނީ ހައްގުތަކާއި، އެހީ އާއި ބެހޭ އަންޑަރ ސެކެޓަރީ މާޓިން ގްރިފިތް ވިދާޅުވެފައި ވެއެވެ.

އަލް ޝިފާ ހޮސްޕިޓަލާއި ގުޅިގެން “ތަންކޮޅެއް ލުއި ފިޔަވަޅު” އެޅުމަށް ބައިޑަން މިދިޔަ ހޯމަ ދުވަހު އިސްރާއީލަށް ގޮވާލައްވާފައި ވީ ނަމަވެސް، އިސްރާއީލުން ބައިޑަންގެ ވާހަކަތައް މާ ސީރިއަސް ނެގި ތަނެއް ނުފެނެއެވެ.

ހޮސްޕިޓަލުގައި ތިބި ސިއްހީ އެހީތެރިން ބުނެފައިވަނީ ޔަހޫދީ ސިފައިން ވަނީ ހޮސްޕިޓަލުގައި ހިޔާވަހިކަން ހޯދަމުން ދިޔަ ބައެއް މީހުން ހައްޔަރު ކޮށް، އަނިޔާ ކޮށްފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުޙައްމަދު

    އޯކޭދޭން ޝިފާހޮސްޕިޓަލަކީ ކަލޭމެންގެ އަމިއްލަ ބިމުގައިހުރި އަމިއްލަ ތަނެއްތަ؟ މިއެމެރިކާގެ ކާފަރުންނަށް ލަޢުނަތް ލައްވާށި. އާމީން.

  2. ޢަލީ

    ތިޔައާލާތުން ނާއި 2ފުޅި އަރަބި ބުނަގެން ކުރާކަންތައް ތިޔައީ

  3. ނޫނާ

    ހުރިހާ ނުބައި ރޯލެއް ކުޅެނީ އެމެރިކާ އައިއެސް އައިއެސް އަކީ ސީދާ އެމެރިކާ އުފައްދާފަވާ ޓެރެރިސްޓު ޖަމާއަތެއް.

  4. މުޙައްމަދު

    އެއީ މިސްޓޭކޭ ބުނިނަމަ.. ކުރާކަމެއްކޮށް ނިންމާފައި ކަލޭމެން އަބަދުވެސް ބުނަމުން އަނަނީ އެހެންތާ..