ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ގޭސް ސްޓޭޝަނެއް ގޮއްވާލައިފިއެވެ.

ފަލަސްތީނުގެ މީޑިއާއެއް ކަމަށްވާ ވަފާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިރުބަވެރިން ގޮއްވާލާފައިވަނީ ޣައްޒާގެ މެދު ހިސާބެއްގައި ހުރި ގޭސް ސްޓޭޝަނެކެވެ.

މި ގޭސް ސްޓޭޝަނުގެ އިތުރުން ވެސް ޚާން ޔޫނިސް ސަރަހައްދުގައި ހުރި މިސްކިތެއް ވެސް ގޮއްވާލާފައިވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ. އެ ނޫހުން ބުނި ގޮތުގައި މި ދެ ހާދިސާގައި 9 މީހަކު ވަނީ ޒަހަމްވެފައެވެ. އަދި އިތުރު އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ވަނީ ވެފައެވެ.

ނިރުބަވެރިން ޣައްޒާގެ ރައްޔިތުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ދެމުން، ރައްޔިތުން ޝަހީދު ކުރަމުން އަންނައިރު، އެމީހުންގެ ވެހިކަލްތަކުން އަންނަނީ އެކި އެކި އިމާރާތްތައް ވެސް ސުންނާފަތި ކުރަމުންނެވެ. އޭގެ ތެރޭގައި ސިއްހީ ހިދުމަތް ދޭ ތަންތަން ވެސް ހިމެނެއެވެ.

ޣައްޒާގެ އެންމެ ފަހުގެ އެއް މައުލޫމާތަށް ބަލާއިރު، ނިރުބަވެރިން ވަނީ ޣައްޒާގައި ހުންނަ އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ އަލް-ޝިފާ ހޮސްޕިޓަލަށް ވަންނަ ދޮރު ސުންނާފަތި ކޮށްލާފައެވެ.