ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް-ޝިފާ ހޮސްޕިޓަލުގައި ތިބި މީހުން ގަދަ ބާރުން ބޭރުކުރުމުގެ މަސައްކަތް ނިރުބަވެރި އިސްރާއީލުން ފަށައިފިއެވެ.

ޝިފާ ހޮސްޕިޓަލުގެ އެތެރޭގައާއި ބޭރުގައި ނިރުބަވެރި ސިފައިން ތިބިއިރު، މީގެ ގަޑިއިރެއް ކުރިން ނިރުބަވެރިން ވަނީ ހޮސްޕިޓަލް އެއްކޮށް ހުސް ކުރުމަށް އަމުރުކޮށްފައެވެ. އަދި ހުސްކުރަން ދެވޭނީ ގަޑިއިރެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

ނިރުބަވެރިންގެ އަމުރާއި ގުޅިގެން ވެސް އެތަން ހުސްކުރަން ބައެއް ޑޮކްޓަރުންނާއި އާންމުން ދެކޮޅު ހެދުމުން ނިރުބަވެރިން ވަނީ ބާރުގެ ބޭނުންކޮށް، ގަދަކަމުން އެތަން ހުސްކުރުމުގެ މަސައްކަތް ފަށާފައެވެ.

ޝިފާ ހޮސްޕިޓަލުގެ އެމަޖެންސީ ސުޕަވައިޒަރ، އޮމަރު ޒާގޫތް އަލްޖަޒީރާ ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާ ހިމެނޭހެން އެހެން މީހުން ހޮސްޕިޓަލުން ނުކުންނަން މަޖުބޫރު ކޮށްފައިވާ ކަމަށާއި އެތަނުގެ ބޭރުން ފެނިގެން ދަނީ ބިރުވެރި މަންޒަރުތަކެއް ކަމަށެވެ.

"އެމީހުން ބުނަނީ އަލް-ވެހްދާ މަގުން ނުކުންނަން. އެ މަގުގައި ގިނަ އަދަދެއްގެ މަރުވެފައި ތިބި މީހުންގެ ހަށިތައް އެބަތިބި. ހިނގައި ބިނގައި ނޫޅެވޭ ހާލުގައި ޖެހިފައި ތިބި މީހުން ވެސް މިހާރު ބޭރުކޮށްފި" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ހޮސްޕިޓަލަށް ފެން ނުލިބޭތާ ވެސް ހަފްތާއަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެހެން ކަމުން އެތަނުގައި ސާފުތާހިރުކަމެއް ވެސް ނެތް ކަން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ވެސް އެހެން ޑޮކްޓަރަކު ވަނީ އެމީހުން ބަލި މީހުން ދޫކޮށް ނުދާނެ ކަމަށް ބުނުމުން ބޮލުގައި ބަޑި ޖައްސައި އެތަނުން ބޭރު ކުރާ ކަމަށް ބުނެފައެވެ.

ނިރުބަވެރިން ޝިފާ ހޮސްޕިޓަލް ހުސްކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެމީހުން މީގެ ކުރިން ވަނީ އެތަނުގައި ހަމާސް ޖަމާއަތުގެ މުޖާހިދުން ތިބޭ ކަމަށް ތުހުމަތުކޮށްފައެވެ. އެހެން ކަމުން އިމާރާތް ހުސްކުރުމަށްފަހު، ބިމާ ހަމަ ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.