ފަލަސްތީނުގެ ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލަކީ މަރުގެ ސަރަހައްދެއްގެ ގޮތުގައި ލޭބަލްކޮށް، އެ ތަނުގައި ބާކީ ތިބި މީހުން ހުސްކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ގޮވާލައިފިއެވެ.

އަލް ޝިފާ ހޮސްޕިޓަލަކީ ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލު ހުަސް ކުރުމުގެ ގޮތުން އެތަނުގައި ތިި މީހުން ގަދަ ބާރުން ބޭރުކުރުމުގެ މަސައްކަތް ނިރުބަވެރި އިސްރާއީލުން އިއްޔެ ވަނީ ފަށައިފައެވެ. އެތަން ހުސް ކުރުމަށް ފަހު އިންޒާރު ދިންއިރު، އެހޮސްޕިޓަލުގައި ސްނައިޕަރުންނާއި ޓޭންކަރުތައް ހަރަކާތްތެރިވަމުންދާތީ އެތަނުގެ އެތެރޭގައި ތިބި މީހުން އެތަނުން ނުކުންނަން ވަނީ މަޖުބޫރު ވެފައެވެ.

އަލްޖަޒީރާއިން ބުނީ ހޮނިހިރު ދުވަހު އެ ފެސިލިޓީގައި ތިބި ގިނަ ބަޔަކު އެ ތަނުން ނެރުމަށް ފަހު ޑަބްލިއުއެޗްއޯގެ ހިއުމެނިޓޭރިއަން އެސެސްމަންޓް ޓީމަކުން ހޮސްޕިޓަލަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލް

ހެލްތު އެޖެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޓީމަށް ހޮސްޕިޓަލުގެ ދޮރުމަތީގައި ބޮޑު ގަބުރުސްތާނެއް ފެނުނު ކަމަށާއި، އެތަނުގައި 80 އަށް ވުރެ ގިނަ މީހުން ވަޅުލާފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ.

އދ.ގެ އެކި ޑިޕާޓްމަންޓްތަކުގެ ޕަބްލިކް ހެލްތު އެކްސްޕާޓުންނާއި ލޮޖިސްޓިކް އޮފިސަރުންނާއި ސެކިއުރިޓީ ސްޓާފުން ހިމެނޭ މި ޓީމަށްވެސް ވަނީ އެ ހޮސްޕިޓަލުގެ ތެރޭގައި ބަޑީގެ ހަމަލާތައް ދިނުމާއި ބޮން އަޅާފައި ހުރި ކަމުގެ ނިޝާންތައް ފެނިފައެވެ.

ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގެ ތިއޭޓަރެއް

"ސަލާމަތީ ހާލަތާ ގުޅިފައިވާ ވަގުތުގެ ލިމިޓްތަކުގެ ސަބަބުން އެ ޓީމަށް ހޮސްޕިޓަލުގެ ތެރޭގައި ހޭދަކުރެވުނީ އެންމެ ގަޑިއިރެއްހާއިރު. އެއީ "މަރު ސަރަހައްދެއް" ގެ ގޮތުގައި ސިފަ ކުރެވޭ.". ޑަބްލިއުއެޗްއޯއިން ބުނެފައި ވެއެވެ.

އިތުރަށް ޑަބްލިއުއެޗްއޯއިން ބުނީ ސާފު ފެނާއި ތެލާއި ބޭހާއި ކާބޯތަކެތީގެ އިތުރުން އެހެނިހެން ޒަރޫރީ އެހީތައް ނުލިބުމުގެ ސަބަބުން މެޑިކަލް ފެސިލިޓީއެއްގެ ގޮތުގައި އެތަން މަސައްކަތް ކުރުން ކޮންމެހެން ހުއްޓާލަން ޖެހިފައިވާ ކަމަށެވެ.

"ބަލި މީހުންނާއި އެމީހުން ވާހަކަ ދެއްކި ސިއްހީ ހިދުމަތްތެރިން އެމީހުންގެ ސަލާމަތާއި ސިއްހަތާ މެދު ވަނީ ބިރުގަނެފައި، އަދި މީހުން ހުސްކުރުމަށް އެދުނު. އަލްޝިފާ ހޮސްޕިޓަލަށް މިހާރު ބަލި މީހުން އެޑްމިޓް ނުކުރެވޭނެ. ޒަހަމްވި މީހުންނާއި ބަލި މީހުން މިހާރު ދަނީ އިންޑޮނޭޝިއާގެ ހޮސްޕިޓަލަށް ބަދަލު ކުރަމުން.".

ހޮސްޕިޓަލުގެ އޮފިޝަލުން މީގެ ކުރިން ވިދާޅުވެފައިވަނީ އެމެޑިކަލް ކޮމްޕައުންޑް ހުސްކުރުމަށް އިސްރާއީލު ސިފައިން ޑޮކްޓަރުންނާއި ބަލިމީހުންނާއި އެތަނުގައި ތިބި ގެދޮރު ގެއްލިފައިވާ މީހުންނަށް އެންގި ކަމަށާއި، ބައެއް މީހުންނަށް ބިރުދައްކައިގެން އެތަނުން ދާން މަޖުބޫރު ކޮށްފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ އެފަދަ އަމުރެއް ދީފައި ނުވާ ކަމަށެވެ.