ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިސްރާއީލުގެ ނިރުބަވެރިންނާއި ދެމެދު އަދި އެއްވެސް ކަހަލަ އެއްބަސްވުމަކަށް އައިސްފައި ނުވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު އެޑްރިއެން ވޮޓްސަން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޣައްޒާގައި ރަހީނުކޮށްފައި ތިބި ކުޑަކުދިންނާއި އަންހެނުން ދޫކުރުމުގެ ބަދަލުގައި ފަސް ދުވަހަށް ހަނގުރާމަ މެދުކަނޑާލާން ހިޔާލުދީފައިވީ ނަމަވެސް ހަމާސް އާއި އިސްރާއީލުން ވަކި ގޮތަކަށް ނުނިންމާ ކަމަށެވެ.

ހެދިފައިވާ އެއްބަސްވުމުގައި ބުނާގޮތުން ހަނގުރާމަ މެދުކަނޑާލައިފިނަމަ ނުވަތަ ހުއްޓާލައިފިނަމަ ޣައްޒާގައި ތިބި ރަހީނުން ދޫކުރަން ފަށާނެ ކަމަށެވެ. އެހެންނަމަވެސް މި އެއްބަސްވުމުގައި ހަމާސް އަދި އިސްރާއީލުންވެސް ސޮއިކޮށްފައި ނުވެއެވެ.

ނަން ނުޖެހޭ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ހުރިހާ ފަރާތްތަކުން ވެސް މަދުވެގެން ފަސް ދުވަހަށް ކޮމްބަޓް އޮޕަރޭޝަންތައް ހުއްޓާލާނެ ކަމަށާއި ބައެއް ރަހީނުން ބެޗްތަކަކަށް ބަހާލައިގެން ދޫކޮށްލާނެ ކަމަށެވެ.

އިސްރާއީލުން ވަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާތަކުގެ ރައްދުގައި ހަމާސް ނައްތާލުމަށް ވައުދުވެފައެވެ. ނިރުބަވެރިން ދަނީ ވައިގެ މަގުންނާއި އެއްގަމު މަގުން ޣައްޒާއާއަށް ހަމާލާދީފައެވެ. މި ހަމަލާތަކުގައި މިހާތަނަށް 12،300 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި 5،000 ކުޑަކުދިން ހިމެނެއެވެ.

ޔަހޫދީންގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒު ކުރީ ޣައްޒާގެ ހޮސްޕިޓަލްތަކަށާއި ރެފިއުޖީ ކޭމްޕްތަކަށެވެ. ނިރުބަވެރިން ދާދި ފަހުން ވަނީ އަލްޝިފާ ހޮސްޕިޓަލްގެ ޚިދުމަތް އެއްކޮށް ހުއްޓާލާ ވަރަށް އެތަނަށް ހަމަލާދީފައެވެ. އެވަރުންވެސް ނުވެގެން އެންމެ ފަހުން އެ ހޮސްޕިޓަލަށްވެސް ނިރުބަވެރިން ވަދެގަތެވެ.

ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލަކީ މިހާރު ވީރާނާވެފައިވާ ބޮޑު ގަބުރުސްތާނެކެވެ. އދ.ގެ އެކި ޑިޕާޓްމަންޓްތަކުގެ ޕަބްލިކް ހެލްތު އެކްސްޕާޓުންނާއި ލޮޖިސްޓިކް އޮފިސަރުންނާއި ސެކިއުރިޓީ ސްޓާފުން ހިމެނޭ އިއްޔެ އެ ހޮސްޕިޓަލަށް ޒިޔާރަތެއް ކުރިއެވެ. ރިޕޯޓްތައް ބުނާގޮތުން އެމީހުންނަށްވެސް ޔަހޫދީ ނިރުބަވެރިން ވަނީ ބަޑީގެ ހަމަލާތަކެއް ދީފައެވެ.

މިހަނގުރާމައަށް 43 ދުވަސް ވެގެންދިޔައިރުވެސް ހަނގުރާމަ ހުއްޓާލާކަށް އެއްވެސް ބަޔަކު ނޫޅޭ ކަމަށް އެމެރިކާއިން ދަނީ ބުނަމުންނެވެ. އެމެރިކާއަކީ މި ހަނގުރާމައިގައި ޔަހޫދީންނަށް އެއްބާރުލުންދީ އެމީހުންނަށް މިކަމުގައި ވާގިވެރިވި ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާ

    ޔާﷲ. މި ހަނގުރާމައިގައި ޔަހޫދީންނަށް ވާގިވެރިވާ ހުރިހައި ޤައުމެއްގެ ވެރީންގެ ބަދަލުގައި އެބައިމީހުނަށްވުރެ ރަނގަޅު ބަޔަކު ވެރީންގެ ގޮތުގައި ލައްވާށި.

  2. މޫސަ

    އެއްގޮތަކަށްވެސް ހުއްޓާލާގެންނުވާނެ ޔަހޫދީ ހަމަބިމައް ތިރިވސންދެން ކުރިޔައް ދިއުން .މަންފާބޮޑު