އިންޑިއާގެ ކެރެލާއަށް ބޯކޮށް ވާރެވެހި ފެންބޮޑުވުމަށްފަހު އެ ސިޓީގައި މީދާ ހުން ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، ކެރެލާއަށް ކުރި ވިއްސާރާގައި ފެންބޮޑުވުމާ ގުޅިގެން އެސަރަހައްދުގައި ވަނީ ތަޣައްޔަރުވެފައިވާ ފެނުގެ ސަބަބުން ޖެހޭ ބަލިތައް ފެތުރުން އިތުރުވެފައެވެ.

އެގޮތުން، ކެރެލާގައި ފެންބޮޑުވުމުގެ ހާދިސާއަށްފަހު 50 މީހަކު ވަނީ އެކި ބަލިތައް ޖެހިގެން މަރުވެފައެވެ. އޭގެ ތެރެއިން ހަ ކޭސްއަކީ މީދަލުގެ ޒަރިއްޔާއިން ޖެހޭ ބައްޔެއްކަމުގައިވާ ރެޓް ޑިސީސް ނުވަތަ ލެޕްޓޮސްޕިރޯސިސް ޖެހިގެން މަރުވި މީހުންކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި 34 މީހަކު މަރުވެފައި ވަނީވެސް އެ ބަލީގައިކަން ތުހުމަތު ކުރެވޭއިރު، އާއްމު ބައްޔެއް ޖެހިގެން ނުވަ މީހަކާއި، ޑެންގޫ ޖެހިގެން އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާ ރިޕޯޓްތަކުގައި ބުނެފައިވާގޮތުގައި، މިދިޔަ އޮގަސްޓް މަހުގެ 15 ދުވަހުން ފެށިގެން މީދަލުގެ ސަބަބުން ޖެހޭ ބަލި ދަނީ އިތުރުވަމުންނެވެ. އަދި ޑެންގޫ ކޭސްތައް 104 އަށް އަރާފައިވާއިރު، 50 މީހަކަށް މެލޭރިއާ ޖެހިފައިވާކަަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ލެޕްޓޮސްޕިރޯސިސް ޖެހިގެން މީހާގެ ހާލު ބޮޑުވާނީ ތިން ދުވަސް ފަހުންނެވެ. މި ބަލި ޖެހިގެން އެކި ކަހަލަ އަލާމާތްތައް ފެނިގެންނެވެ. އަދި މި ބަލިތައް ފެތުރެމުންދާތީ ކުރިއަށް އޮތް ދެ ހަފްތާއަށް އެ ސިޓީ ވަނީ އެލާޓަށް ގެނެސްފައެވެ.

މީދާ ރޯގާ ޖެހުމުން، ގަދައަށް ހުންއައުން، ގައިގެ މަސްތަކުގައި ރިއްސުން، ބަނޑުގައި ރިއްސުން، އަދި ބޯ އެނބުރުމާއި ހޮޑުލުން ފަދަ އަލާމަތާތްތައް ފެންނަން ފަށާނެއެވެ. އަދި މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ސިއްހަތާއި ބެހޭ މިނިސްޓްރީން ދަނީ އެދެމުންނެވެ.

ކެރެލާއަށް ކުރި ވިއްސާރާގައި 400 އާއި ގާތް ކުރާ އަދަދަކަށް ވަނީ މީހުން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    ޔާﷲ ދިރިތިބިންނާއި ނިޔާވި މީހުނަށް ހެޔޮ ރަހުމަތް ލައްވަވާށި އާމީން