ޔޫކްރެއިން ފަހަތަށް ނުޖެހޭނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ޑިމިޓްރޯ ކުލެބާ، ވިދާޅުވެއްޖެއެވެ.

ރަޝިއާއާ އާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ޔޫކްރެއިން ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވެފައި ވަނީ ބެލްޖިއަމްގެ ބްރަސެލްސްގައި ބޭއްވި ނޭޓޯގެ ފޮރިން މިނިސްޓަރުންގެ ސަމިޓުގައި ވާހަކަ ދައްކަވަމުންނެވެ.

އެމެރިކާއިން 40 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ އެހީ މިދިޔަ އަހަރު ޔޫކްރެއިނަށް ވަނީ ފޮނުވައިފައެވެ. ނަމަވެސް 61 ބިލިއަން ޑޮލަރުގެ އިތުރު އެހީ އެމެރިކާގެ ކޮންގްރެސްއިން މިހާރު ދަނީ ހިފަހައްޓަމުންނެވެ.

މީގެއިތުރުން ޔޫރަޕިއަން ޔޫނިއަންގެ އިތުރު 50 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ފާސްކުރަން ހުރަސް އެޅެނީ ހަންގޭރީގެ ދެކޮޅުވެރިކަމުގެ ސަބަބުން ކަމަށްވެއެވެ. މިހާ ގިނަ އެހީގެ ޕެކޭޖްތައް ހިފަހައްޓާފައިވާތީ ޔޫކްރެއިނަށް ވަނީ ވަސީލަތްތަކުގެ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

ބުދަ ދުވަހު ޔޫކްރޭންގެ އަސްކަރިއްޔާއިން ބުނެފައި ވަނީ ރަޝިޔާގެ ޑްރޯން އާއި މިސައިލް ހަމަލާތަކުގެ ތެރެއިން އެއް ރެއެއްގެ ތެރޭގައި ދިން ހަމަލާތައް ހުއްޓުވާފައިވާ ކަމަށެވެ.

އަދި ރަޝިޔާގެ އެއާފޯސް އިން ވަނީ މޮސްކޯއާ ދިމާލަށް ފޮނުވާލި ޑްރޯނެއް ވެސް ނައްތާލާފައި ކަމަށް އެ ގައުމުން ބުނެއެވެ. ރަޝިޔާ އާއި ޔޫކްރޭނަށް ހަނގުރާމައިގެ މައިދާނުގައި މާބޮޑު ކުރިއެރުމެއް ހޯދާފައި ނުވާތާ ހަފްތާތަކެއް ވެއްޖެއެވެ.