ޗައިނާގައި ދެ ރޭލެއް ޖެހި ވަރުގަަދަ އެކްސިޑެންޓެއް ހިނގާ، 100 އަށްވުރެ ގިނަ މީހުންގެ ކަށިތައް ބިދިއްޖެއެވެ.

ޗައިނާގެ ޓްރާންސްޕޯޓް އޮތޯރިޓީއާ ހަވާލާދީ ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސްނޯގަދަ ހާލަތުގައި ބިޒީ މެޓްރޯ ލައިނެއްގައި ދެ ރޭލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެތައް ސަތޭކަ ފަސިންޖަރުންނަކަށް އަނިޔާވެފައިވާ ކަމަށެވެ.

ބެއިޖިންގެ ހުޅަނގު އުތުރުން އޮންނަ ޗަންގްޕިންގް ސަބްވޭ ލައިނުގައި ދެ ރޭލެއް ޖެހި އެކްސިޑެންޓް ހިނގާފައި ވަނީ އެ ގައުމުގެ ގަޑިން ހެނދުނު 7:00 އެހާކަންހާއިރުއެވެ.

މި އެކްސިޑެންޓާއި ގުޅުގެން 515 މީހަކު ޓެސްޓު ކުރުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭގެ ތެރެއިން 102 މީހެއްގެ ކަށިތައް ހުރީ ބިންދައިގެން ގޮސްފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހާދިސާގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

"ފަހުގެ ރޭލު އޮތީ ޑައުންހިލް ސެކްޝަނެއްގައި. ސްނޯ މޫސުމުގެ ސަބަބުން އެ ރޭލު ވެއްޓި، ރަނގަޅަށް ބްރޭކް ނުޖެއްސި، ކުރިމަތީގައި އޮތް ރޭލުގެ ފަހަތު ކޮޅު ގައި ޖެހި އެކްސިޑެންޓެއް ހިނގި،" މި ހާދިސާއާ ގުޅޭ ރިޕޯޓްގައި ބުނެފައި ވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ސަބްވޭގެ ބިމުގެ މަތީގައި ވާ ސަރަޙައްދެއްގައެވެ. ދައުލަތުގެ މީޑިއާއާ ހަވާލާދީ ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އާންމުގޮތެއްގައި ހަފްތާއެއްގެ ތެރެއިން ހަތަރު ލައްކަ އެއްހާ ފަސިންޖަރުން އެ ލައިންގައި ދަތުރު ކުރެއެވެ.

ބެއިޖިން ޓްރާންސްޕޯޓުން ވަނީ މި ހާދިސާއަށް މައާފަށް އެދި، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ތަހުގީގެއް ކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދު ޗ

    ރާއްޖޭގައި ނަމަ އެކަމެއް ވީތަނެއްގައި 15ދުވަހު ފުލުހަކު ބެހެއްޓިމަ ނިމުނީ

    7
    1