ރަޝިޔާއިން ނޭޓޯއަށް ހަމަލާދޭން އުޅޭ ވާހަކަ ރަޝިއާގެ ރައީސް ވްލަޑިމިއަ ޕުޓިން ދޮގުކުރައްވައިފިއެވެ.

ރަޝިޔާގެ ރަސްމީ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޕުޓިން މިހެން ވިދާޅުވީ، ޔޫކްރެއިންގައި ޕޫޓިން ކާމިޔާބު ހޯއްދަވައިފިނަމަ ނޭޓޯގެ އެކުވެރިއަކަށް ހަމަލާދިނުމަށް ހިތްވަރު ލިބި، ތިންވަނަ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްވާފައި ވަނިކޮށެވެ.

ޕޫޓިން އިތުރަށް ވިދާޅުވީ ބައިޑަން މަސައްކަތް ކުރައްވަނީ އެ ސަރަހައްދުގައި ގެންގުޅުއްވާ ސިޔާސަތު ބަދަލުކުރުމުގެ ވިސްނުމުގައި ކަމަށެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު މޮސްކޯއިން އަވަށްޓެރި ޔޫކްރެއިނަށް އަރައިގަތް ފަހުން އެމެރިކާ އާއި ރަޝިއާގެ ގުޅުން ވަނީ ފާއިތުވި އަހަރުތަކުގައި ނުދާހާ ދަށުދަރަޖައަށް ވެއްޓިފައެވެ.

22 މަސް ދުވަހުގެ ހަނގުރާމައިގެ ތެރޭގައި އެމެރިކާއިން ވަނީ ޔޫކްރޭނަށް 111 ބިލިއަން ޑޮލަރުގެ ހަތިޔާރާއި އާލާތްތަކާއި އެހެނިހެން އެހީތައް ފޯރުކޮށްދީ، ޔޫކްރެއިންގެ ރައްޔިތުންނަށް ރަޝިއާގެ ކުރިއެރުން ހުއްޓުވައި، ބައެއް ސަރަހައްދުތައް އަލުން ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ބައިޑަން ތާއީދު ކުރައްވަނީ ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ޔޫކްރެއިންއަށް އިތުރު އެހީ ފޮނުވުމަށެވެ.

ބައިޑަން ވަނީ އިސްރާއީލަށް އިތުރު ފައިސާ އާއި އެހެނިހެން ކަންކަމުގައި ހިމެނޭ 110 ބިލިއަން ޑޮލަރުގެ ބޮޑު ޕެކޭޖުގެ ދަށުން ޔޫކްރޭނަށް އެހީވުމަށް 61.4 ބިލިއަން ޑޮލަރު ފާސްކުރުމަށް އެމެރިކާގެ ކޮންގްރެސްގައި އެދިވަޑައިގެންފައެވެ.