ތުރުކީގެ ވައިގެ އަސްކަރިއްޔާ އިތުރަށް ތަރައްގީ ކުރުމަށްޓަކައި އެގައުމުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެމެރިކާ އިން ގަންނަށް ބޭނުންވާ އެފް 16 ގެ ޖެޓުތައް އަވަސް މުސްތަގްބަލެއްގައި އެގައުމަށް ލިބޭނެ ގޮތް ހަދައި ދިނުމަށް ތުރުކީން އެމެރިކާގެ ފަރާތުން އެދިއްޖެއެވެ.

މީގެ އިތުރުން ތުރުކީން ވަނީ އެގައުމުން ޔޫރީ ފައިޓާ ޖެޓްތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ޖަރުމަނުވިލާތުން އެހީތެރިވުމަށް ވެސް އެދިފައެވެ.

އެމެރިކާގެ އެފް 16 ޖެޓްތައް ހޯދުމަށްޓަކައި ތުރުކީން މަސައްކަތް ކުރާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. އަދި މި މަޝްވަރާތަކުގައި އަލި މަގެއް އަދިވެސް ފެނިފައިނުވާތީ ތުރުކީން ވަނީ ކަންބޮޑުވުން ފާޅުކޮށް މިކަމުގައި ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފައެވެ.

ޔޫރޯ ފައިޓާ ޖެޓް ތަކަކީ އިނގިރޭސިވިލާތް، ސުޕެއިން، އިޓަލީވިލާތް، އަދި ޖަރުމަނުވިލާތް ގުޅިގެން އުފައްދާ 4 ވަނަ ޖެނަރޭޝަންގެ، ހަލުވި، އަސްކަރީގޮތުން ވަރަށް ގާބިލް ފައިޓާ ޖެޓްތަކެކެވެ. މި ޖެޓުތައް ހޯދުމަށް ތުރުކީން ކުރާ މަސައްކަތަށް ހުރަސް އަޅަނީ ޖަރުމަނުވިލާތުންނެވެ.

ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ގެންގުޅުއްވާ ބައެއް ސިޔާސަތުތަކަށް ޖަރުމަނު ސަރުކާރުންވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ޖަރުމަނުން ދެކޭ ގޮތުގައި ރައީސް އުރުދުޣާންގެ ސަރުކާރުން ދަނީ އިންސާނީ ހައްގުތަކަށް އަރައިގަނެ، ތުރުކީ ރައްޔިތުންގެ މިނިވަންކަން އެކި ގޮތްގޮތުން ހަނިކުރަމުންނެވެ. މި ސަބަބުތަކާއި ގުޅިގެން ދެ ގައުމުގެ ހާރިޖީ ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

އަންކާރާގައި ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން ތުރުކީގެ ދިފާއީ ވަޒީރު ވިދާޅުވީ އެމެރިކާ އާއި އެކު ކުރިއަށްދާ މުއާމަލާތުގެ މަރުހަލާ ލަސް ކަމުން ތުރުކީން ހިތްހަމަ ނުޖެހޭ ކަމަށާއި، މި ކަން ވީހާ ވެސް އަވަހަށް ނިންމާ މި ކަމުގައި ފުރިހަމަ އަށް އެއްބާރުލުން ދިނުމަށް އެމެރިކާ އަށް ގޮވާލާކަމަށެވެ.

"އަހަރެމެން ވާނީ އެމެރިކާ އަށް އެފް16 ގެ ބޮޑު އޯޑަރެއް ދީފަ. އަހަރެމެން އުންމީދު ކުރަނީ މި ޑީލް އަވަސް މުސްތަޤްބަލެއްގައި ނިމިގެން ދިޔުން. މިއީ ނޭޓޯގެ ދެ ގައުމު." ތުރުކީގެ ދިފާއީ ވަޒީރު ޔާސިރު ގޫލާ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

އެމެރިކާ ސަރުކާރުން 20 ބިލިއަން ޑޮލަރުގެ މި ހަތިޔާރު ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވީ ނަމަވެސް، ކޮންގްރެސް ގައި ބައެއް މެންބަރުންވަނީ މިކަމަށް ދެކޮޅުހަދާފައެވެ. އެއީ ތުރުކީން ސުވިޑެން އަށް އީޔޫގެ މެމްބަރުކަން ދިނުމަށް ދެކޮޅުހަދަމުން ދާތީއެވެ.