ތުރުކީވިލާތުން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލާއި އޮންނަ ހުރިހާ ވިޔަފާރީގެ ގުޅުމެއް ކަނޑާލުމާއި ގުޅިގެން ތުރުކީން އުފައްދާ ތަކެތި އިސްރާއީލަށް ބޭރުކުރަން ތުރުކީގެ ވިޔަފާރިވެރިން އެހެން މަގުތައް ހޯދަން ފަށައިފިއެވެ.

ތުރުކީގެ އެކްޕޯޓްސް އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ރޮއިޓާސް ނިއުސް އެޖެންސީ އަށް މައުލޫމާތު ދިން ގޮތުގައި ތުރުކީވިލާތުގެ ސަރުކާރުން އިސްރާއީލާއި އެކީ ހުރިހާ ވިޔަފާރީގެ ގުޅުމެއް ކަނޑާލުމާއި ގުޅިގެން ތިން ވަނަ ގައުމެއް މެދުވެރިކޮށް އިސްރާއީލަށް މުދާ ބޭރުކުރެވޭނެ ގޮތްތައް މިހާރު އެފަރާތްތަކުން ދަނީ ހޯދަމުންނެވެ.

ތުރުކީގެ ކުންފުނިތަކުން ވަނީ ޔަހޫދީ އިސްރާއީލާއި އެކީ ވަކި މުއްދަތަކަށް މުދާ ފޯރުކޮށްދިނުމަށް އެގްރީމެންޓް ތައް ހަދާފައި ކަމަށާއި މިކަމުގެ ސަބަބުން ކޮންމެވެސް އެހެން ގޮތެއް ބަލައިގެން ނަމަވެސް އިސްރާއީލުގެ ކުންފުނިތަކަށް އެގްރީމެންޓްގެ މުއްދަތު ހަމަވަންދެން މުދާ ފޯރުކޮށްދޭން ޖެހޭނެ ކަމަށް އެ ކުންފުނިތަކުން ވަނީ ރޮއިޓާސް އަށް މައުލޫމާތު ދީފައެވެ.

ތުރުކީން ޔަހޫދީ އިސްރާއީލާއި އެކީ އޮންނަ ވިޔަފާރީގެ ގުޅުން ވަގުތީ ގޮތުން މެދުކަނޑާލިކަން އިއުލާން ކުރައްވަމުން ތުރުކީގެ ހާރިޖީ ވަޒީރު ހަކަން ފިދާން ބުނެފައިވަނީ އިސްރާއީލާއި ވިޔަފާރީގެ ގުޅުން ކަނޑާލަން ނިންމީ ޣައްޒާ އަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް ހުއްޓާލުމަށް ޔަހޫދީންނަށް ބާރުއެޅުމަށް ކަމަށެވެ.

ތުރުކީވިލާތުން ބުނެފައިވަނީ އިސްރާއީލާއި އެކީ ދެން ވިޔަފާރީގެ ގުޅުން ބަދަހި ކުރާނީ ޣައްޒާ އަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް އެއްކޮށް ހުއްޓާލާއި ޣައްޒާ އަށް ބޭނުންވާ މިންވަރަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން އިސްރާއީލުން އެއްބަސްވުމުން ކަމަށެވެ.