ސީރިއާގެ ރައީސް ބައްޝާރުލް އައްސަދުގެ ސަރުކާރުން ހުޅަނގުއުތުރު ސީރިއާގެ އިދުލީބަށާއި، އަލެއްޕޯގެ ކައިރި ސަރަހައްދުތަކަށް މިދިޔަ އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި އާންމުންގެ ހަތް މީހުން މަރުވެ 20 މީހުން ވަނީ ޒަހަމްވެއްޖެއެވެ.

އިދިކޮޅުން ކޮންޓްރޯލް ކުރާ ސީރިއާގެ ހުޅަނގުއުތުރުގައި މީހުން ސަލާމަތް ކުރުމާއި، އެހީ ފޯރުކޮށްދޭ ވޮލެންޓިއަރ ޖަމާއަތެއް ކަމަށްވާ ސީރިއާ ސިވިލް ޑިފެންސުން ބުނެފައިވަނީ ދަރަތް އިއްޒާ އަވަށުން އާންމުންގެ ފަސް މީހުން މަރުވެގެން އެ ޖަމާއަތުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކާއި، އެއްމާބަނޑު ދެކުދިންނަށް މާބަނޑު އަންހެނެއްވެސް ހިމެނޭ ކަމަށް އެ ޖަމާއަތުން ބުނެފައި ވެއެވެ. އޭގެ އިތުރުން އެ ސަރަހައްދަށް ދިން 40 އަށް ވުރެ ގިނަ ހަމަލާއަށް ފަހު އެ މީހުން ވަނީ ދެ ކުޑަކުދިން ހިމެނޭހެން ޒަހަމްވީ 5 މީހުންނަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އޭގެ އިތުރުން އިދުލީބުގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް ދިން މިސައިލު ހަމަލާއެއްގައި ފަސް ކުޑަކުދިން ހިމެނޭހެން އިތުރު 15 މީހުން ވަނީ ޒަހަމް ވެފައެވެ.

އަދި އަލެއްޕޯ ކައިރި ރަށްފުށުގެ ސަރަހައްދަށް ދިން ބޮމުގެ ހަމަލާތަކެއްގައި އިތުރު ދެ މީހުން ވަނީ މަރުވެފައެވެ.

ސިވިލް ޑިފެންސުން ބުނެފައިވާ ގޮތުގައި މި މަހުގެ މިހާތަނަށް ސީރިއާ ސަރުކާރުން ވަނީ އާންމުންނަށް އަމާޒުކޮށް 15 ސަހަރެއްގައި 48 ހަމަލާ ދީފައެވެ. އެ ހަމަލާތަކުގައި 9 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ތިން ކުޑަކުދިންނާއި އަންހެނަކު ހިމެނެއެވެ.

މި ބޮމުގެ ހަމަލާތަކުގައި އާންމުންގެ ގެދޮރަށާއި، ފިހާރަތަކަށާއި، އާންމު ވަސީލަތްތަކަށް ގެއްލުން ވުމުގެ އިތުރުން، އާންމުންގެ މެދުގައި ބިރުވެރިކަން ފެތުރިފައިވާ ކަމަށް ސިވިލް ޑިފެންސްގެ ޑެޕިއުޓީ ޑިރެކްޓަރ މުނީރު މުސްތަފާ ބުނެފައިވެއެވެ.

އުތުރު އަދި ދެކުނު އަލެއްޕޯގެ ރަށްފުށުގެ ސަރަހައްދުތަކާއި އިދުލީބުގެ ސަރަހައްދުތައް ގުޅުވާލަދޭ ދަރަތް އިއްޒާ އަށް ސަރުކާރުން ވަރަށް ގިނައިން ބޮން އަޅާއިރު، އެތައް ބައެއް ވަނީ ގެދޮރު ގެއްލި މަގުމަތިވެފައެވެ.

ސީރިއާގެ ސަރުކާރާއި ސަރުކާރަށް ވާގިވެރިވާ ރަޝިއާއިން އާންމުންނަށް އަމާޒުކޮށް ހަމަލާދޭކަމަށް ދެކޮޅު ހަދާއިރު، އެމީހުން ބުނަނީ ހަމަލާ ދެނީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ކަމަށެވެ.

ސީރިއާގައި އިދިކޮޅުގެ ކޮންޓްރޯލުގެ ދަށުގައި އޮތް އެންމެ ފަހުގެ ޕްރޮވިންސަކީ އިދްލީބެވެ. އަދި އެ ސަރަހައްދުގައި ހަމަލާތައް ހުއްޓާލުމަށް 2020 ވަނަ އަހަރު ތުރުކީ އާއި ރަޝިއާ އާއި ދެމެދު ވަނީ އެއްބަސްވުމެއް ވެވިފައި ނަމަވެސް، ދޭތެރެ ދޭތެރެއިން ސީރިއާގެ ސަރުކާރުގެ ސިފައިން އެ އެއްބަސްވުމާއި ހިލާފުވެ ހަމަލާތައް ދެއެވެ.

ސީރިއާގެ އިދިކޮޅު ލީޑަރެއް ކަމަށްވާ މުސްތަފާ އަލް ބަކޫރު ބުނެފައިވަނީ އައްސަދުގެ ސަރުކާރުންނާއި، ރަޝިއާއިންނާއި، އިރާނުން، އުތުރު ސީރިއާގެ އާންމުންނާއި ދެކޮޅަށް ދޭ ހަމަލާތައް އެންމެ ދުވަހަކަށްވެސް ހުއްޓާލާފައި ނުވާ ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ، ސަރަހައްދީ އަދި ދާހިލީ ހާލަތްތަކަށް ބިނާކޮށް ހަމަލާތައް ވަރުގަދަ ކޮށް، މަދުކޮށް ހަދާކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ހުޅަނގު އުތުރު ސީރިއާގައި ދިރިއުޅޭ 4.5 މިލިއަން މީހުންގެ ތެރެއިން 2.9 މިލިއަން މީހުންނަކީ މަގުމަތިވެފައިވާ މީހުންނެވެ. އަދި ދެ މިލިއަނެއްހާ މީހުން ދިރިއުޅެނީ ކޭމްޕުތަކުގައި، ޒަރޫރީ ވަސީލަތްތައްވެސް ނެތިއެވެ.

އދ. އިން ބުނެފައިވާ ވަނީ މިފަހުން ހަމަލާތައް އިތުރުވެފައި ވުމުން، ދެކުނު އިދުލީބުން 120،000 އަށް ވުރެ ގިނަ މީހުން މަގުމަތިވެފައިވާ ކަމަށެވެ.

މީގެ 8 އަހަރު ކުރިން، 2015 ވަނަ އަހަރު، ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ވާގިވެރިވުމުގެ ގޮތުން ރަޝިއާއިން ސީރިއާގައި އަސްކަރީ ހަރަކާތްތައް ފެށި ފަހުން، ރަޝިއާގެ ސިފައިން އެކަނި އާންމުންގެ 7000 މީހުން މަރާލާފައިވާ ކަމަށާއި، އޭގެ ތެރޭގައި 2046 ކުޑަކުދިންނާއި 978 އަންހެނުން ހިމެނޭ ކަމަށް ސީރިއާގެ ހިއުމަން ރައިޓްސް ނެޓްވޯކުން ރިޕޯޓު ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް

    ބަލަ، ގައުމުއެއްކޮށް ސުންނާފަތިވީ! އަޅުގަނޑުމެން ދިވެހީންވެސް އިސްލާމްދީނާއި ހިލާފް ނުވާހައިހިނދަކު ވެރިމީހާގެ ފަހަތުގައި ތިބެމާ! ތަރައްގީއަށްޓަކައި ވެރިމީހާއާއި ދެކޮޅު ނުވަމާ!