ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ނިރުބަވެރި ސިފައިން ސީރިއާ އަށް ވައިގެ މަގުން ހަމަލާދީ 38 މީހުން ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން މިއަދު ހެނދުނުގެ ވަގުތެއްގައި ހަމަލާ ދީފައި ވަނީ ސީރިއާގެ ސިޓީއެއް ކަމަށްވާ އަލެޕޯއަށެވެ. މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި އާންމުންގެ ބަޔަކާއި އަސްކަރިއްޔާގެ ސިފައިންގެ ބަޔަކު ވެސް ހިމެނޭ ކަމަށް ބައިނަލްއަގުވާމީ ރިޕޯޓުތައް ބުނެއެވެ.

ރޮއެޓާސް އިން ރިޕޯޓު ކުރާ ގޮތުގައި މި ހަމަލާއާ ގުޅިގެން ލުބުނާންގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ ގެ ފަސް މުޖާހިދުން ވެސް ވަނީ ޝަހީދުކޮށްލައިފައެވެ. އެކަމަކު، ޝަހީދުވި 38 މީހުންގެ ތެރޭގައި މި ފަސް މީހުން ހިމެނޭ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ.

އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައިވާ ގޮތުގައި އިސްރާއީލްގެ އަސްކަރިއްޔާ އިން މި ހަމަލާ ދީފައި ވަނީ އަލެޕޯ އިންޓަނޭޝަނަލް އެއާޕޯޓު ކައިރީގައި ހުރި ހަތިޔާރު ރައްކާ ކުރާ ތަނެއްގެ ތެރެއަށެވެ. ސީރިއާގެ ޑިފެންސް މިނިސްޓްރީން ވެސް ބުނީ އިސްރާއީލްގެ މި ހަމަލާ އަމާޒުވެފައި ވަނީ އާންމުންނަށް ކަމަށާއި މިއީ "ނިރުބަވެރި" ބަޔަކު ހިންގި އަމަލެއް ކަމަށެވެެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިސްރާއީލް އާ ދެމެދުގައި މިދިޔަ އޮކްޓޯބަރު 7 ގައި ހަނގުރާމަ ފެށުނު ފަހުން ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގްރޫޕްތަކާއި އިސްރާއީލްގެ އަސްކަރިއްޔާއާ ދެމެދުގައި ވެސް ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލު ކުރެވެއެވެ. އެންމެ ފަހުން ދިން ހަމަލާގައި ޒަހަމްވީ ކިތައް މީހުން ކަމެއް ސީރިއާގެ ސަރުކާރުން ކަށަވަރުކޮށެއް ނުދެއެވެ. އަދި މި ހަމަލާ ދިނީ އިސްރާއީލުން ކަމެއް އަދި ހަނގުރާމަވެރި ބައެއް ކަން ވެސް ކަށަވަރެއް ނުކޮށްދެއެވެ.