ރަޝިއާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އެހީތެރިކަމާއި ސަޕޯޓު ދެމުންގެންދާނެ ކަމުގެ ޔަގީންކަން އޮތްކަން ޔުކްރޭނުގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ ހާމަކުރައްވައިފިއެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވެފައި ވަނީ 2022 ވަނަ އަހަރު އެގައުމަށް އެރި ރަޝިއާގެ ސިފައިން ބޭލުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތަކުގައި މާލީ އެހީތެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

ހަނގުރާމަކުރުމަށް އިތުރު ފަސް ލައްކަ މީހުން ޔޫކްރެއިނަށް އަދި ނެރެވޭނެ ކަމަށްވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

"އަހަރެމެން މި ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން، އަދި އެެމެރިކާއިން އަހަރެމެންނަށް ހިޔާނާތްތެރި ނުވާނެ.، އެމެރިކާގައި އަހަރެމެން އެއްބަސްވީ ކަންތައްތައް ފުރިހަމަ ކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަހަރެންނަށް އެބަ އޮތް." ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ މިހެން ވިދާޅުވެފައި ވާއިރު ޔޫކްރެއިނަށް އެހީވަމުންދާތީ ހުޅަނގުގެ ގައުމުތަކަށް ވަނީ ވަރަށް ޕްރެޝަރު ބޮޑުވެފައެވެ. އެގޮތުން ޔޫކްރެއިނަށް ދެމުންގެންދާ އެހީތައް ކުރިއަށް ގެންދިއުމާ މެދު އެމެރިކާގެ ބައެއް ފަރާތްތަކުން ދަނީ ތަފާތު ހިޔާލުތައް ފާޅުކުރަމުންނެވެ.

އެމެރިކާއިން ޔުކްރޭނަށް ދޭ އެންމެ ފަހުގެ އެހީގެ ޕެކޭޖު މިއަހަރު ނިމުމުގެ ކުރިން ދެވޭނެ ކަމަށް ނުބެލެވޭ ކަމަށް އެމެރިކާގެ ސެނެޓުން އިއްޔެ ވަނީ ބުނެފައެވެ. މިފަދަ ލަސްތަކުން ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އަށް ފައިދާތައް ވާކަމަށް ކުރިން ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ޒެލެންސްކީ ވިދާޅުވީ އެމެރިކާގެ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑޮނާލްޑް ޓްރަމްޕަށް ކާމިޔާބު ވެއްޖެނަމަ، ޔުކްރޭނާއި ގުޅިގެން ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން ހަނގުރާމައިގެ މިސްރާބަށް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ.

އަދި ހަންގޭރީ އިން ދެކޮޅު ހަދާފައިވީ ނަމަވެސް އީޔޫ އިން 50 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖުވެސް ޔުކްރޭނަށް ފޮނުވާނެ ކަމުގެ ޔަގީންކަންވެސް އޮންނެވި ކަމަށް ޒެލެންސްކީ ވިދާޅުވެފައި ވެއެވެ.

ނަމަވެސް ފާއިތުވި ދުވަސްތަކުގައި ހަނގުރާމައިގައި ޔުކްރޭނަށް މާބޮޑު ކާމިޔާބެއް ހޯދިފައި ނުވުމުގެ ސަބަބުން ޔުކްރޭނަށް އެހީތައް ދިނުމާއި މެދު ހުޅަނގުގެ ގައުމުތަކުގެ މެދުގައި އޮތީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ.