އަވަށްޓެރި އިންޑިއާއިން ކޮވިޑް-19ގެ އާ ވައްތަރެއް (ވޭރިއެންޓް) އެއް ފެނި، ހަލުވި ކަމާއި އެކީ ބަލި ފެތުރެމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އިންޑިއާގައި މިހާރު ފެތެރެމުން އަންނަނީ ކޮވިޑުގެ އާ ވޭރިއެންޓެއް ކަމަށްވާ JN.1 އެވެ. މި ވޭރިއެންޓް ފެތުރެން ފެށުމާއި އެކީ ކަމާއި ބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ގޮތުން މާސްކު އެޅުމަށް އިލްތިމާސް ކޮށްފައެވެ.

އިންޑިއާ ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ހެނދުނާއި ހަމައަށް އެގައުމުގައި ބަލި ޖެހިފައިވާ 2،669 މީހަކު އެބަ ތިއްބެވެ. އަދި އިއްޔެ 614 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، މިއީ މިއަހަރުގެ މޭއި މަހުގެ ފަހުން އެންމެ ގިނަ މީހުން އެއް ދުވަސް ތެރޭ މި ބައްޔަށް ފައްސިވި ފުރަތަމަ ފަހަރެވެ.

އިއްޔެ މި ބައްޔަށް 614 މީހަކު ފައްސިވެފައިވާއިރު، އޭގެ ތެރެއިން 300 އަށްވުރެ ގިނަ މީހުންނަކީ ފާއިތުވި 24 ގަޑިއިރު ކެރެލާއިން ފައްސިވެފައިވާ މީހުން ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

އާ ވައްތަރެއް އިންޑިއާގައި ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ އެއީ މާ ބޮޑު ނުރައްކަލެއް އޮތް ކަމެއް ނޫން ކަމަށެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގަދަޔަށް ރޯގާ ޖެހުން، ކަރުގައި ރިއްސުން، ބޮލުގައި ރިއްސުން، ބައެއް ފަހަރު ގޭސްވުން، ވަރަށް ބޮޑަށް ވަރުބަލިވުން އަދި ވަރުބަލިވުމާއި މަސްތައް ބަލިވުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު