މަސްތުވާތަކެތި ހަރުކޮށްފައިވާ ޑްރޯންތަކެއް ޕާކިސްތާނާއި އިންޑިއާ ބޯޑަރު ހުރަސް ކޮށް، ޕާކިސްތާނުން އިންޑިއާ އަށް ވަންނަމުންދާ ކަމަށް އިންޑިއާގެ ބޯޑަރު ސެކިއުރިޓީ އޮފިޝަލުން ބުނެފިއެވެ.

މިއީ ބޯޑަރު ހުރަސްކޮށް ތަކެތި އެތެރެކުރުމުގައި މިހާތަނަށް އެމީހުން ދެކެފައިވާ އުކުޅެއް ނޫން ކަމަށާއި، އެތައް ސަތޭކަ ޑްރޯން އެއްފަހަރާ ބޯޑަރު ހުރަސް ކުރަން މަސައްކަތް ކޮށް ޕަންޖާބު ސަރަހައްދަށް ވަދެފައިވާ ކަމަށް ވެސް އޮފިޝަލް ވަނީ ބުނެފައެވެ. މި ޑްރޯންތަކަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޭންގްތަކުން މިހާރު ބޭނުން ކުރަމުންދާ އާ އުކުޅެއް ކަމަށާއި، އަދި މިކަމުގެ ސަބަބުން ޕަންޖާބު ސްޓޭޓްގައި މަސްތުވާތެކެތީގެ މައްސަލަ މިހާރު ވަނީ ހައްލުކުރަން އުނދަގޫވާ ދަރަޖައަކަށް ގޮސްފައި ކަމަށްވެސް އޮފިޝަލް ވަނީ ބުނެފައެވެ.

އެ ގޮތަށް ވަންނަ ގިނަ ޑްރޯންތައް ހުއްޓުވާފައިވާ ކަމަށާއި އަދި އެ ޑުރޯންތަކުގައި ހުންނަނީ އޮޕިއަމް އަދި ހެރޮއިން ކަމަށާއި، އެއީ އަފްގާނިސްތާނުން ގެންނަ ތަކެތިކަމަށް ވެސް އޮފިޝަލް ވަނީ ބުނެފައެވެ. އަދި މަދު ފަހަރެއްގައި ހަތިޔާރުވެސް މި ޑުރޯންތަކުގައި އެތެރެކުރާ ކަމަށާއި މިއީ އިންޑިއާގެ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

1947 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ލިބުނު ފަހުން މި ދެ ގައުމުން ވަނީ 3 ހަނގުރާމަ އެއް ކޮށްފައެވެ. އަދި މިހާރުވެސް މި ދެ ގައުމުގެ މެދުގައި ހައްލު ނުވާ އެތައް މައްސަލަތަކެއް އެބަ ހުއްޓެވެ. އެގޮތުން ކަޝްމީރުގެ މައްސަލައަކީ އެންމެ ބޮޑު މައްސަލައެވެ.

ދެ ގައުމުން އަބަދުވެސް ބޯޑަރު ސަރަހައްދުގައި ހަމަލާތައް ބަދަލު ކުރެއެވެ. ދެ ގައުމަކީ ވެސް ނިއުކްލިއަރ ބާރު ލިބިފައިވާ ދެ ގައުމު ކަމުން މި ދެ ގައުމުގެ ދެމެދު ހަނގުރާމައެއް ފެށިދާނެތީ މުޅި ދުނިޔެ އަބަދުވެސް ބިރު ގަނެއެވެ.