ޔަމަނުގެ ހޫތީން ރަތް ކަނޑުގައި ދަތުރު ކުރާ އާގު ބޯޓު ފަހަރަށް ދޭ ހަމަލާތަކުގެ ސަބަބުން އިރާނުން ހޫތީންނަށް ތާއިދު ކުރުން ހުއްޓާލަން އެމެރިކާ އާއި އިނގިރޭސިިލާތުން ގޮވާލި ގޮވާލުމަށް އިރާނުން ދެކޮޅު ހެދުމުގެ ސަބަބުން ތެލުގެ އަގުތައް އުފުލިއްޖެއެވެ.

އައު އަހަރުގެ ފުރަތަމަ ޓްރޭޑިންގް ސެޝަންގައި ތެޔޮ ފީފާއެއްގެ އަގުން ވަނީ 1.28 ޑޮލަރު އިތުރު ވެފައެވެ. އެއީ ސާފު ނުކުރާ ފީފާ އަކަށް 78.32 ޑޮލަރެވެ. މިއީ ކުރީގެ އަގާއި އަޅާބަލާއިރު 1.7% ބޮޑު ވުމެކެވެ.

ތެލުގެ އަގުތައް އުފުލިފައި މިވަނީ ތެލުގެ ބާޒާރަށް އެކަށީގެންވާ ވަރަށް ތެޔޮ ފޯރުކޮށްނުދެވިދާނެ ކަމުގެ ބިރު ހީވުމާއި ގުޅިގެންނެވެ. މި ބިރުވެރިކަން އުފެދިފައި މިވަނީ ރަތް ކަނޑުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.

ރަތް ކަނޑުގައި ހޫތީން ދަނީ މެދު ނުކެނޑި އިސްރާއީލުގެ ބޯޓު ތަކަށާއި އަދި އިސްރާއީލަށް މުދާ އެތެރެ ކުރާ ބޯޓުތަކަށް ހަމަލާ ދެމުންނެވެ. މި ހަމަލާތައް އިންތިހާއަށް އިތުރު ވުމާއި ގުޅިގެން އެމެރިކާ އަދި އެ ގައުމަށް ވާގިވެރިވާ ގައުމުތަކުން ވަނީ ހޫތީންނަށް ދޫ ނުދީ ރަތް ކަނޑުގައި ހޫތީންނާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައެވެ.

ކަން މިހެން އޮތް އިރު އިރާނުން ހޫތީންގެ ވެރިންނާއި ބައްދަލުކޮށް ހޫތީންނަށް ހިތްވަރު ދިނުމުގެ ސަބަބުން މަޝްރަހު ވަނީ އިތުރަށް ހޫނުވެފައެވެ.

ހޫތީން ދެމުން ގެންދާ ހަމަލާތަކުގައި އިރާނުން އެހީތެރިވާ ކަމުގެ ތުހުމަތު އެމެރިކާ އިން ކުރެއެވެ. ނަމަވެސް އިރާނުން ވަނީ ހޫތީންނަކީ އަމިއްލަ އިހުތިޔާރު ގައި މަސައްކަތް ކުރާ ބައެއް ކަމަށް ބުނެ މި ތުހުމަތު ތައް ދޮގުކޮށްފައެވެ.

ނަމަވެސް އިރާނުން ވަނީ ރަތް ކަނޑަށް އެ ގައުމުގެ އަސްކަރީ މަނަވަރެއް ފޮނުވައި، ހޫތީންނަށް ސަޕޯޓް ކުރާކަމަށް އެމެރިކާ އިން ބުނަމުންދާ ބުނުމަށް އިތުރު ބާރެއް ދީފައެވެ. ނަމަވެސް އިރާނުން ތަކުރާރު ކޮށް ބުނަމުން ދަނީ ހޫތީންނަށް ކުރަމުންދާ ތާއީދު މެދުކަނޑައި ނުލާނެ ކަމަށެވެ.

ރަތް ކަނޑުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މިހާރު ޝިޕިން ކުންފުނިތަކުން ދަތުރު ކުރަމުން ދަނީ މާ ދިގު މަގަކުންނެވެ. އެއީ އެފްރިކާ ބައްރު ވަށާލާފައެވެ. އޭގެ ސަބަބުން ދަތުރުގެ މުއްދަތު އެތައް ދުވަހެއް އިތުރުވެގެން ދިޔުމާއި އެކު ތެލުގެ ހަރަދު ވެސް އެތައް ގުނަ އެއް ވަނީ އިތުރުވެފައެވެ. އެކަމުގެ ސަބަބުން ބައެއް ގައުމުތަކުގައި ތަކެތީގެ އަގުތައް އުފުލުންވެސް އެކަށީގެން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާނިވާއިން

    ސާބަހޭ ޔަމަން / އީރާން. މާ ދުުރުގައިއޮތް އެމެރިކާގެ މަނަވަރުތައް މެދުއިރުމަތީގައި އޮތުމަކީ މައްސަލައެއް.އިސްރާއީލަށް ތާއީދުކުރުން މާ ގޯސް.

  2. މުދިމު.

    މިހާރު މިފެންނަނީ އިރާނު ހަކުޅި ކުރިއަށް ކުޅުނުތަން. އެމެރިކާ ދުވަހަކުވެސް ހީނުކުރާނެ އިރާނުން އެމެރިކާ އާއި ތޮޅެންކެރިދާނެއެކޭ. ދަތިކުރުމުގެ ފިއަވަޅުތައް ނެތްނަމަ މިއަދު އިރާނުގެ ދައުރު ތަސައްވަރު ނުކުރެވޭނެ.

  3. ހާޖި

    ފުރަތަމަ ކަލޭމެން އިޒުރާއީލައް ކުރާ ތާއީދު ހުއްޓާލާފަ އެހެންމީހުންގެ ފަހަތުން އައިސްބަލަ ،،،، ކިހާބޮޑު މުސީބާތެއް މި އެމެރިކާ އަދި އިގިރޭސިންނާއި ހެދި