އެފްރިކާ ބައްރުގެ އިގްތިސޯދީ ގޮތުން އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އެއް ގައުމު ކަމަށްވާ އިތޯޕިއާއިން ސޮމާލިލޭންޑާއި އެކީ ގުޅުން ބަދަހި ކުރާތީ ސޯމާލިއާއިން ނުރުހުން ފާޅުކޮށްފިއެވެ.

ސޯމާލިއާގެ ރައީސް ހަސަން ޝޭޚު މުހައްމަދު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ ސޯމާލިއާއަށް ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެ ގައުމުގެ ސަރަހައްދީ އިން ހިމާޔަތްކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު ލިބިގެންވާ ކަމަށެވެ.

އަދި މި މަސައްކަތުގައި ބައިނަލްއަގްވާމީ މުޖުތަމައު އިން އޭނާގެ ސަރުކާރަށާއި ގައުމަށް އެހީތެރިކަން ފޯރުކޮށްދީ މި ކަމަށް މަދަދުވެރިވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި އިތޯޕިއާގެ ޣައިރުޤާނޫނީ އެއްބަސްވުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ސޯމާލިއާގައި ހުންނެވި އިތޯޕިއާގެ ސަފީރު ވެސް ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ސޯމާލިލޭންޑަކީ ސޯމާލިއާގެ މައި ސަރުކާރާއި ވަކިވެގަތުމަށް މަސައްކަތް ކުރަމުންދާ އެ ގައުމުގެ އެންމެ ބޮޑު ސަރަހައްދެވެ. މި ސަރަހައްދުން ވަނީ 1991 ވަނަ އަހަރު ސޯމާލިއާގެ މައި ސަރުކާރާއި ވަކިވިކަން އިއުލާނު ކޮށް، ސޯމާލިލޭންޑް ގެ ގޮތުގައި މިނިވަން ދައުލަތެއް އަމިއްލައަށް އުފައްދާފައެވެ.

ނަމަވެސް ސޯމާލިއާގެ ސަރުކާރުން މި އައު ދައުލަތް ބަލައިގަނެފައި ނުވާތީ ބައިނަލްއަގުވާމީ އެއްވެސް ދައުލަތަކުންވެސް ސޯމާލިލޭންޑް ބަލައިގަނެފައި ނުވެއެވެ.

ސުލްހަވެރިކަމާއި އެކީ މިނިވަން ކަން ނުލިބުމުން އެންމެ ފަހުން ސޯމާލިލޭންޑް މިނިވަންކުރުމުގެ ނަމުގައި ހަތިޔާރު ނެގުމުގެ ނަތީޖާ އަކަށްވީ ނުރައްކާތެރި ދާހިލީ ހަނގުރާމަ އެއް އުފަންވުމުވެ. މި ދާހިލީ ހަނގުރާމައިގައި އެތައް ސަތޭހަ ހާސް މީހުން ވަނީ މިއަދާއި ހަމައަށް މަރުވެފައެވެ.

ސޯމާލިލޭންޑާއި އިތޯޕިއާ ގެ އެއްބަސްވުމުގެ ސަބަބުން އިތިއޯޕިއާއަށް އެއްވެސް ހުރަހެއްނެތި ރަތް ކަނޑުގެ އައްސޭރި އާއި ބަނދަރުތައް ބޭނުން ކުރެވޭނެއެވެ.

އިތޯޕިއާ އަކީ ވިޔަފާރީގެ ގޮތުން އެފްރިކާ ބައްރުގައި ކުރިއަރަމުން އަންނަ ގައުމެއް ކަމުން އެ ގައުމަށް ކަނޑުގެ ބަނދަރުތައް ވެގެން ގޮސްފައިވަނީ ވަރަށް މުހިންމު ބޭނުންތެރި ތަންތަނަށެވެ. އިތޯޕިއާ އިން މިފަދަ އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ކުރަމުން ދާތާ އެތައް އަހަރެއް ވަނީ ވެފައެވެ.

ސޯމާލިއާއިން ވަކިވެގަންނަށް މަސައްކަތް ކުރަމުންދާ ސޯމާލިލޭންޑާ އެކީ އިތޯޕިއާއިން މި ފަދަ އެއްބަސްވުމަކަށް މި އައީ ސޯމާލިއާގެ ސަރުކާރުން ސޯމާލިލޭންޑާއި އެކީ ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދަން ތައްޔާރަށް ތިބިކަމަށް އިއުލާނު ކުރިތާ ތިން ދުވަސް ފަހުންނެވެ.

އެ ސަރަހައްދުގައި އަނެއްކާވެސް ދާހިލީ ހަނގުރާމައެއް ފެށުމުގެ ބިރު މިހާރުވަނީ ހީވެފައެވެ. އެއީ ސޯމާލިއާއިން އެ ގައުމު ހުރަސްކޮށް އިތޯޕިއާގެ ވިޔަފާރި ގާފިލާތައް ދަތުރުކުރާތަން ބަލަން ބޭނުން ނުވާނެތީ އެކަމާއި އަސްކަރީ ފިޔަވަޅެއް އަޅާފާނެތީއެވެ.