ޓެޝެހޭ ގެ ނަމުން އިތިއޯޕިއާގައި މަޝްހޫރުވެފައިވާ ދެ ސީޓްގެ މަތިންދާބޯޓު އިޓަލީ ވިލާތުން އެ ގައުމަށް އަނބުރާ ރައްދުކޮށްފިއެވެ.

މިއީ 1930 ގެ އަހަރުތަކުގައި އިތިއޯޕިއާގައި އުފައްދާފައިވާ ރަތް ކުލައިގެ ވަރަށް ރީތި މަތިންދާބޯޓެކެވެ. އިތިއޯޕިއާގެ ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ މަތިންދާބޯޓު އުފައްދާފައި ވަނީ އޭރު އިތިއޯޕިއާ ގެ އެމްޕަރާ ސެލާސީ ގެ އެންގެވުމަކަށް އެމަނިކުފާނުގެ މަތިންދާބޯޓު ދުއްވަން ގެނެސްފައި ހުރި ޖަރުމަން ފައިލެޓް ހާޑް ލުޑްވިގް ވެބާ ގެ އެހީތެރިކަމާއި އެކީގައެވެ.

އެ މަތިންދާ ބޯޓުގެ ފުރަތަމަ ދަތުރެއް ކޮށްފައި ވަނީ 1935 ގައެވެ. އެއީ އެމްޕަރާ ސެލާސީ ގެ ޕައިލެޓް ޖަރުމަނުގެ ހާޑް ލުޑްވިގް އެ މަތިންދާ ބޯޓުގައި އިތިއޯޕިއާގެ ވެރިރަށް އަޑިސް އަބާބާ އާއި 50 ކިލޯމީޓަރުގެ ދުރުމިނުގެ ރާސްތާ އަކަށް 7 މިނެޓް ވައްދެން ޓެސްޓު ދަތުރުކޮށްގެންނެވެ. މިއީ އިތިއޯޕިއާގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ކަމެކެވެ. އަދި އެ ޒަމާނުގައި އެ ގައުމުގެ އޭވިއޭޝަން ކުރިއަރާފައިވާ ކަމުގެ ހެއްކެކެވެ.

އެ މަތިންދާ ބޯޓަށް ނަން ދެވިފައި ވަނީ އެމްޕަރާ ސެލާސީ ގެ އަންހެން ދަރިފުޅު ޓެޝެހޭ ގެ ނަމުންނެވެ.

1935 ވަނަ އަހަރު އިޓަލީގެ ހަރުކަށި ޑިކްޓޭޓަރު ބެނީތޯ މުސޮލީނީ ވަނީ އިތިއޯޕިއާ އަށް ހަމަލާދީ އެމްޕަރާ ސަލީސޭގެ ވެރިކަން ވައްޓާލާ ވެރިރަށް އަޑިސް އަބާބާ އިޓަލީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެ ގައުމުގެ ދައުލަތުގެ ހަޒާނާގައި ހުރި އަގު ހުރި ސާމާނުތައް ވަނީ ފޭރިގަތްފައެވެ. އެގޮތުން މުސޮލީނީ ވަނީ އެ ދެ ސީޓާ މަތިންދާ ބޯޓު ވެސް އިޓަލީ ވިލާތަށް ގެންދިޔުމަށް އަންގާފައެވެ.

އިޓަލީ ވިލާތުން ދެވަނަ ބޮޑުހަނގުރާމައިގެ ކުރިން އެފްރިކާގެ ގައުމުތަކަށް ވަނީ އަތްގަދަ ކުރަން ފަށާފައެވެ. އަދި ލީބިއާ ފަދަ މުސްލިމުން ގިނަ ގައުމުތަކަށް ވެސް ހަމަލާދީ އެ ގައުމުތަކުގެ ދައުލަތުގެ އަގުހުރި މުދާތައް ވަނީ ފޭރިގަނެފައެވެ. އެގޮތުން ފޭރުނު ބައެއް ތަކެތި އިޓަލީ ވިލާތުގެ ސަރުކާރުން ފަހުން ވަނީ އެ ތަކެތި ނިސްބަތްވާ ގައުމުތަކަށް އަނބުރާ ރައްދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    އެހެންވެސް ގައުމުތަކުން ވަގަށްނަގާ އެއްޗެހިނުދެނީ ޔަހޫދީ އެމެރިކާއާއި ޔަހޫދީ އިނގިރޭސިން !!