އިރާނުގެ އިސް ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ކުރިއަށް ދަނިކޮށް އީރާނުގެ ގަބުރުސްތާނެއްގައި ބޮން ގޮއްވާލާ އެތައް ބަޔަކު މަރާލި ހާދިސާގެ ބަދަލު ހިފާނެ ކަމަށް އިރާނުގެ ރައީސް އިބްރާހީމް ރައީސީ ވައުދުވެ ވަޑައިގެންފިއެވެ.

ރައީސީ މިހެން ވިދާޅުވެފައިވަނީ ތެހެރާން އާއި 820 ކިލޯމީޓަރު ދުރުގައި އޮންނަ ހާދިސާ ހިނގި ކަރްމަން ގައި އެތައް ހާސް މީހުންނާއި މުހާތަބު ކޮށް ވާހަކަ ދައްކަވަމުންނެވެ.

ރައީސީ ވިދާޅުވީ އިރާނުގެ ދުޝްމަނުންނަށް އިރާނުގެ ބާރު ފެންނަ ކަމަށާއި އިރާނުގެ ބާރާއި ގާބިލުކަން މުޅި ދުނިޔެއަށްވެސް އެނގޭ ކަމަށެވެ. އަދި “ފިވަޔަޅު އަޅަންވީ ތަނާއި ވަގުތު އިރާނުގެ ބާރުތަކުން ކަނޑައަޅާނެ” ކަމަށްވެސް ރައީސީ ވިދާޅުވިއެވެ.

ހާދިސާގައި މަރުވި މީހުންގެ ސަންދޯއްތައް އިރާނުގެ ދިދައިން ފޮރުވާލެވިފައިވާއިރު، ހިތާމަ ފާޅުކުރަމުން ދިޔަ މީހުން ދިޔައީ “އެމެރިކާ އަށް މަރު! އިސްރާއީލަށް މަރު!” ކިޔާ އަޑު ގަދަ ކުރަމުންނެވެ.

ބުދަ ދުވަހު ދިން ހަމަލާގެ ޒިންމާ އައިއެސް އިން ވަނީ އިއްޔެ އުފުލާފައެވެ.

މި ހަމަލާގައި 89 މީހުން މަރުވެފައިވާ އިރު، 280 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފައެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި އަފްޣާނިސްތާނުގެ ރައްޔިތުންވެސް ހިމެނެއެވެ.

އައިއެސް އިން ބުނެފައިވަނީ މިއީ އެ ޖަމާއަތުގެ ދެ މެމްބަރުން ޖާނުން ފިދާވެގެން ދިން ހަމަލާއެއް ކަމަށެވެ.

ހަމަލާ ދީފައިވަނީ 2020 ވަނަ އަހަރު، އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް އެމެރިކާއިން އިރާގުގައި ދިން ހަމަލާއެއްގައި އަވަހާރަކޮށްލި އިރާނުގެ އިންގިލާބީ ސިފައިންގެ ގުދުސް ފޯސްގެ ވެރިޔާ ސުލައިމާނީ އަވާހާރަވީ ދުވަސް ފާހަގަ ކުރަން އެތައް ބަޔަކު ގަބުރުސްތާނަށް އެއްވެފައިވަނިކޮށެވެ.

އައިއެސް އިން މި ހަމަލާގެ ޒިންމާ ނަގާފައިވީ ނަމަވެސް އިރާނުން އެކަން އެހާ ސީރިއަސްކޮށް ނަގާފައި ނުވާ ކަމަށާއި އިރާނުން ދަނީ އެ ހަމަލާ ތަހުގީގު ކުރަމުން ކަމަށް އިރާނުގައި ތިބި ނޫސްވެރިން ބުނެއެވެ. އަދި އިރާނުން މި ހަމަލާ ގުޅުވަނީ މިހާރު ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އާއި ކަމަށްވެސް ނޫސްވެރިން ބުނެއެވެ.