އިންޑިއާގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، އިތުރު 700 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފަިއވާ ކަމަށް އިންޑިއާގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ އިތުރު 756 މީހަކަށް މި ބަލި ޖެހި މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 4،049 އަށް އަރާފައިވާ ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރު މި ބަލި ޖެހިގެން އިތުރު ފަސް މީހަކު މަރުވެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިބަލީގައި ފަހުން މަރުވެފައިވާ މީހުންނަކީ ކެރެލާ، މަހަރަސްތްރާ، އަދި ޖައްމު އަދި ކަޝްމީރުން މަރުވެފައިވާ މީހުންނެވެ. އެގޮތުން ކެރެލާއާއި އާއި މަހަރަސްތްރައިން ދެ މީހަކު މަރުވެފައިވާއިރު، ޖައްމު އަދި ކަޝްމީރުން އެކަކު މަރުވެފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގައުމުން ބަލި ޖެހޭ މީހުންގެ އަދަދު މިދިޔަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ދަށްކޮށް އުޅުނު ނަމަވެސް އާ ވޭރިއެންޓް ފެނުމާއި އެކީ ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑު ތަނުން އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެގައުމުން ވަނީ 841 މީހަކަށް މި ބަލި ޖެހިފައެވެ. މިއީ ފަހުން ބަލި އިތުރުވާން ފެށި ފަހުން، އެއް ދުވަސް ތެރޭ އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 92 އިންސައްތަ މީހުން މިވަގުތު ތިބީ ގޭގައި އެކަހެރިވެގެންނެވެ.

2020 ވަނަ އަހަރުގެ ކުރީކޮޅުގައި ކޮވިޑް ބަލީގައި އިންޑިއާގެ 5.3 ލައްކަ މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު