މަސްތުވާތަކެއްޗާ ދެކޮޅަށް ސްރީ ލަންކާގައި މިހާރު ކުރިއަށްދާ އޮޕަރޭޝަން "ޔުކްތިޔާ" އާ ގުޅިގެން އދ. އިން އެކަން ކުށްވެރިކޮށްފިއެވެ.

އދ. އިން އެކަން ކުށްވެރިކޮށް ބުނި ގޮތުގައި އެއްވެސް ކުށަކާ ނުލައި 30،000 މީހުން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމަކު، ލަންކާ ފުލުހުން ބުނާ ގޮތުގައި މިއީ ދެކުނު އޭޝިއާގެ ގައުމުތަކަށް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމަށާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ތިބި މީހުން ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް މިދިޔަ މަހުގެ 17 އިން ފެށިގެން ލަންކާގައި ހިންގަމުންދާ ވަރުގަދަ އޮޕަރޭޝަނަކެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ވޮލްކާ ޓާކް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއްގެ ދަށުން ލަންކާގައި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމުގެ ނަމުގައި ހިންގަމުންދާ އޮޕަރޭޝަނާ މެދުގައި ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ބައެއް މީހުން އެއްވެސް ކުށަކާ ނުލައި ހައްޔަރު ކުރާ އިރު، ހުއްދައަކާ ނުލައި ރެއިޑްތައް ހިންގައި، އާންމު ތަންތަނުގައި މީހުން ބަލައި ފާސްކޮށް އަނިޔާ ވެސް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ.

ލަންކާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޑިސެމްބަރު 17 އިން ފެށިގެން ހިންގަމުން އަންނަ އޮޕަރޭޝަންގައި މިހާތަނަށް އައިއިރު 29،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން 1،500 މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައި ކަމަށް ލަންކާގެ މީޑީއާ ރިޕޯޓުތައް ބުނެއެވެ. އަދި ހައްޔަރު ކުރި މީހުންގެ ތެރެއިން 1،600 މީޙުން ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކަށް ގެންގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ލަންކާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެއްވެސް ހެއްކަކާ ނުލައި ހައްޔަރު ކުރި އެންމެން ދޫކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ގޮވާލައިފައެވެ.

މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގަވާއިދާ ހިލާފަށް ހޯދާފައިވާ މުދަލާއި އަންޑަވޯލްޑް ލީޑަރުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ މުދާ މިހާތަނަށް ފުލުހުން ވަނީ އަތުލައިގެންފައެވެ.

ފުލުހުން މިހާރު ކުރިއަށްދާ އޮޕަރޭޝަންގައި މިހާތަނަށް އައިއިރު، 800 ކިލޯގެ މަސްތުވާތަކެތި ވަނީ ހޯދައިފައެވެ. އޭގެ ތެރޭގައި 340 ކިލޯގެ ކެނަބިސް އާއި 70 ކިލޯގެ ހެރޮއިން ހިމެނެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ގާނޫނާ ހިލާފަށް ހޯދާފައިވާ 558.5 މިލިއަން ރުފިޔާގެ މުދާ ވެސް ދައުލަތަށް ވަނީ ނަގައިފައެވެ. މި އޮޕަރޭޝަންގައި 858 މިލިއަން ރުޕީސްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަފީސާ

    މަސްތުވާ ތަކެތި ބޭނުން ކުރުމަކީ އިންސާނީ ހައްގުހެން ހީވާކަހަލަ. މި ދެން ބޮޑުވެއްޖެ ކަމެއް.

    22
  2. ނުރަބޯ

    ފަލަސްތީނުގައި އިސްރާއީލުން އެހިންގާ މާސިންގާ ޖަރީމާތައް އދ އިން ބަލާ، އެކަން ކުށްވެރިކުރުން މާ ރަގަޅުވާނެ.

    28
  3. އަލީ

    ތިޔަ އދ. އަކީ ނުބައިއަތު އެއްޗެއް

    24
  4. ބޮޑުބެ

    މިހާރު އަހަންނަށް ހީވާގޮތުން މަސްތުވާތަކެތި ވިއްކުމަކީ އދ އިން ކުރާކަމެއް

    23
  5. ސަނައްޓޭ

    މި އދ. އަށް ކުށްވެރިކުރަން އެނގެނީ މިކަހަލަ ކަންކަން. ފަލަސްތީނުގައި ނަސްލެއް ނައްތާލާއިރު މި ބައިގަނޑަށް އެތަނެއް ނުފެނޭ. ކޮންފަދަ އދ އެއްތަ.

    23
  6. ކަނޔޭ

    އދ. އަބަދު އުޅޭނީ ލަންކާ، ބަންގާޅު، ދިވެހި ރާއްޖެ، އެފްރިކާ ކަހަލަ ކުދި ގައުމުތަކައް ބިރުދައްކާ، ހަނގާކުރަން. އިޒުރޭލު، އެމެރިކާ، އިންޑިޔާ ކަހަލަ ގައުމުތަކުން ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގާ އިރު އދ. އަޅާ ކަހާވެސް ނުލާ.

    25
    1
  7. އަލީ

    މިހެންވެ ބުނަންޖެހެނީ ތިޔަ ހައްގުތަކޭ ކިޔައިގެން ތިޔަ ދައްކަނީ ރަނގަޅު ވާހަކައެއް ނޫނޭ. އަޅެ ބަޔަކު ހައްޔަރުކޮށްގެންވެސް މަސްތުވާތަކެތި މަދުކޮށް ނުވަތަ އެވިއްކާމީހުން ހިފާ ހައްޔަރު ކުރީމަ ގައުމަށް އެވަނީ ހެވެއް ނޫންތަ؟ ތިޔަ ހައްގުތަކޭ ކިޔައިގެން އުޅޭމީހުންނަކީ ދުނިޔެ ހަލާކުކުރަން އުޅޭ ބައެއް. ތިމީހުން ކިޔާހައި އެއްޗެއް އަޑުއަހަން ތިބޭނީ ހޭބުއްދިނުވާ މީހުން.

  8. މުޙައްމަދު

    އދ އަށް އާމްދަނީ ހޯދަން ކުރާ މަސައްކަތް ހުއްޓޭތީ ކަންބޮޑުވެގެން އުޅެނީ. ޢައްޒާގައި މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢަމަލުތައް ހިންގާއިރު ކަންބޮޑެއް ނުވޭ. #ބޯއިކޮޓްއދ