ދުނިޔޭގެ ނިއުކުލިއަރ ހަކަތަ އާއި ބެހޭ ޖަމިއްޔާ އިންޓަނޭޝަނަލް އެޓޮމިކް އެނާރޖީ އެޖެންސީ (އައިއޭއީއޭ) އިން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސުވިޒަލޭންޑުގެ ސިޓީ އެއް ކަމަށްވާ ޑަވޯސް ގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެކޮނޮމިކް ފޯރަމްގައި ވާހަކަދައްކަމުން އިންޓަނޭޝަނަލް އެޓޮމިކް އެނާރޖީ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގުރޮސީ ވަނީ އިރާނުގެ އަމަލުތަކާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގުރޮސީ ބުނެފައި ވަނީ އިރާނުގެ ރަސްމީ އިދާރާ ތަކާއި ވާހަކަ ދައްކައިގެން މި މައްސަލަ އަށް ފަސޭހަ އަދި ސުލްހަވެރި ހައްލެއް ހޯދޭތޯ އެ އިދާރާ އިން ވަނީ ވަރަށް ގިނަ ފަހަރު، ވަރަށް ގިނަ ދުވަސް ވަންދެން މަސައްކަތް ކޮށްފައި ކަމަށާއި ނަމަވެސް މިހާރު ކެތްތެރިކަން ކޮޅުންލައިގެންދާ މިންވަރަށް ކަންކަން ގޮސްފިކަމަށެވެ.

އިރާނުގެ އިދާރާތަކުން ހަމައެކަނި ލިބޭ ރަސްމީ ޖަވާބަކީ އެގައުމުން ޔުރޭނިއަމް ފައްކާ ކުރާ ކަމަށާއި ނަމަވެސް އެކަން ކުރަނީ އިރާނުގެ އާންމު ބޭނުންތަކަށް ބޭނުން ކުރަން ކަމަށެވެ. އެއީ އިރާނުގެ ކަރަންޓް އަދި އެހެނިހެން ހަކަތަ ބޭނުންވާ އިންޑަސްޓްރީގެ މަސައްކަތް ތަކަށް ކަމަށް އިރާނުން ބުނާ ކަމަށްވެސް އި އިދާރާއިން ބުނެއެވެ. ނަމަވެސް އިރާނުން ޔުރޭނިއަމް ފައްކާ ކުރާ ސީދާ މިންވަރު އިންޓަނޭޝަނަލް އޮޓޮމިކް އެނާރޖީ އެޖެންސީ އާއި ހިއްސާކޮށްފައި ނުވާ ކަމަށާއި މިއީ އެ އިދާރާއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

"އިރާނުން އަހަރެމެންގެ އިދާރާ އަކާ އެއްވެސް ވަރަކަށް މުއާމަލާތެއް ނުކުރޭ. ގިނަ ފަހަރު އެއްބާރުލުމެއް ވެސް އިރާނުގެ އިދާރާތަކުން ނުދޭ. އިރާނުން ހަދަނީ އިރާނުން ބޭނުންވާ ގޮތް. ދުވަހަކުވެސް އެހެން ގައުމަކުން އަހަރެމެންނާ މި ގޮތަށް ގުޅުން ކަނޑާލާ އެއްބާރުލުން ނުދީ ނުތިބޭ." އިންޓަނޭޝަނަލް އެޓޮމިކް އެނާރޖީ އޮތޯރިޓީ އަށް އިރާނުގެ މައްސަލައިގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިއްސާ ކުރަމުން ގުރޮސީ ބުންޏެވެ.

ގުރޮސީ ބުނެފައިވަނީ އިރާނަކީ ނިއުކްލިއަރ ހަތިޔާރު ނެތް ގައުމުތަކުގެ ތެރެއިން އެންމެ މަތީ ފަންތި އަކަށް ޔުރޭނިއަމް ފައްކާ ކުރާ ގައުމު ކަމަށާއި އަދި މިއީ ނިއުކުލިއަރ ހަތިޔާރު އެފެއްދުމަށް ވެސް ޔުރޭނިއަމް ފައްކާ ކުރާ މިންވަރު ކަމަށެވެ.