ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރުމާއި އެތަކެތީގެ ވިޔަފާރި ކުރުން މިވަނީ މީގެ 10 އަހަރު ކުރިއާއި އަޅާކިޔާއިރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމުގައި ޔަގީނެވެ. އެތައް އަހަރެއް ވަންދެން ރާއްޖޭގައި ހުއްޓުމެއްނެތި ހިނގަމުން އަންނަ އެންމެ ނުބައި އެއް ކަމަކަށް ވެފައި އޮތީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ބޭނުން ކުރުމެވެ. ދިވެހި ޒުވާނުންނަށް ޖެހިފައިވާ އެންމެ ބޮޑު އެއް ވަބާ އަކީވެސް ހަމަ މަސްތުވާތަކެއްޗެވެ. އެތައް ޒުވާނުންތަކެއް މިތަކެތި ރާއްޖެ އެތެރެ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، މި ކުޑަކުޑަ މުޖުތަމައުގައި މަސްތުވާތަކެތީގެ ސަބަބުން އިތުރު އެތައް ކުށްތަކަކަަށް ޒުވާނުން ދަނީ އަރައިގަންނަމުންނެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ގިނަ ޒުވާނުންނަކީ މުޖުތަމައުގެ ތެރޭގައި މީހުން ބަލައިގަންނަ ބައެއް ނޫނެވެ. އެމީހުން ތިބެނީ މުޖުތަމައު އިން ބާކީ ކޮށްލާފައެވެ. "ޕާޓޭ“ އިންގެ ގޮތުގައި ތާ އަބަދަށް ލޭބަލް ކުރެވިފައެވެ. މިފަދަ ޒުވާނުން އެމީހުންނަށް އެގޮތަށް ކަންތައް ދިމާވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިގެންކަން ގަބޫލު ކުރެއެވެ. އޭގެ ތެރެއިން ބައެއް ކުދިން މި ނުބައި އާދަ ހުއްޓާލައި އެކުދިންނަކީ މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ވާން ނުހަނު ބޭނުންވެ، އެކަމަށް ގަދައަޅައި މަސައްކަތް ކުރެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން މަސައްކަތް ކުރަމުން އަންނަ ޒުވާނަކު ބުނެފައިވަނީ އެކަމަކީ ހުއްޓާލަން އުނދަގޫ ކަމެއް ކަމަށާއި މި ނުބައި އާދަ ދޫކޮށްލައި އެކަމުން އަރައިގަތުމަށް އޭނާ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ހުއްޓާލަން ބޭނުންވާކަން ހާމަ ކުރުމުންވެސް މީހުން އޭނާ އަށް އެހީވާން ދެކޮޅުހަދައި، މުޖުތަމައު އިން ބަލައި ނުގަންނަކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

"މިއީ ވަރަށް ފަސޭހައިން ކަށީގައި ހަރުލާ ކަމެއް. ރައްޓެހިން ބުނެގެން ފުރަތަމަ ބޭނުން ކުރާނީ. ދެން އެތަކެތި ގަވާއިދުން ބޯން ބޭނުންވާނެ. އެ ގަންނަން ލާރި އަތުގަ ނެތިއްޔާ ދެން ފެށޭނީ އަމިއްލަ ގެދޮރުންނާއި ތަންތަނުން ވައްކަން ކުރަން. ހޭވެރިކަން ވާއިރު އޮންނާނީ ޖަލު ގޮޅީގަ." އޭނާ ކިޔައިދިނެވެ.

ފާއިތުވެދިޔަ 10 އަހަރު ދުވަހު ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮންމެ އަހަރެއްގެ މައްޗަށް މަސްތުވާތަކެތީގެ 2،000 ވުރެ ގިނަ މައްސަލަތައް ވަނީ ރެކޯޑު ކުރެވިފައެވެ. އޭގެ ތެރޭގައި މަސްތުވާތެކިތި ވިއްކައި އޭގެ ވިޔަފާރި ކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުމާއި އަދި މިފަދަ ތަކެތި ރާއްޖެ އަށް ޓްރެފިކް ކުރުމުގެ މައްސަލަތައް ހިމެނެއެވެ.

މިދިޔަ ފަސް އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން މަސްތުވާތަކެތީގެ މައްސަލަ ފެންމަތިވެފައިވަނީ 2016 ވަނަ އަހަރުއެވެ. އެ އަހަރު މަސްތުވާތަކެތީގެ 2،379 މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެހެން ނަމަވެސް މިއަހަރުގެ މިއަދާއި ހަމައަށް ފެންމަތިވެފައިވަނީ 1416 މައްސަލައެވެ.

ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ދައްކަމުން އައި އެއް ވާހަކައަކީ ރާއްޖޭގައި މަސްތުވާތެކެތީގެ ވަކި ހިއްޕާލާފައިވާ މިންވަރު އިތުރުކަމަށް ބުނާ ވާހަކައެވެ. ނަމަވެސް، މަސްތުވާތަކެތިން އަރައިގަންނަން މަސައްކަތް ކުރާ ޒުވާނުންގެ ވާހަކަތައްވެސް ހަމަ މިގޮތަށް ދައްކަން އެބަޖެހެއެވެ. އަދި އެފަދަ މީހުން ހެޔޮ މަގަށް ގެންނާނޭ ގޮތްތަކާއި މެދު މަޝްވަރާ ކުރަންވެސް އެބަ ޖެހެއެވެ. ފަރުދީ ޒިންމާ އަދާ ކުރެވޭނެ ގޮތަކީ އެއީއެވެ.

މިފަދަ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުންނަށް އޮތް ގޮތަކީ ތާ އަބަދު ޖަލު ގޮޅިއެއްގެ ތެރޭގައި އުމުރުދުވަސް ހޭދަކުރުން ނޫންކަން ގަބޫލުކުރަން އެބަޖެހެއެވެ. އާއްމުގޮތެއްގައި ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން އޭގެ ތެރެއަށް ވަދެވެނީ ސްކޫލް ދައުރު ނިމޭ ހިސާބުން ނުބައި ރަހުމަތްތެރިންގެ ނުފޫޒުންނެވެ. ޅަ އުމުރު އޭގެ ތެެރެއަށް ވަދެވި، ވިސްނޭ ހިސާބަށް ގޮސް އެކަން ހުއްޓާލަން ބޭނުންވުމުން މުޖުތަމައު އިން އެމީހުން ބާކީ ކޮށްލަނީއެވެ. ވަޒީފާ ދޭން ދެކޮޅުހަދައި، އެފަދަ މީހަކާއި ވާހަކަ ދައްކަންވެސް ބޭނުން ނުވަނީއެވެ. މިގޮތަށް ކަންތައް ކުރުމުން ދެން ވަނީ ކީއްތޯއެވެ. މަސްތުވާތަކެތީގެ ހަޔާތް ނޫން އެހެން ހަޔާތެއް އުޅެވެން ނެތް ކަމަށް ނިންމައި އެމީހުން އަނެއްކާވެސް އެތަކެތި ބޭނުންކުރަން ފަށަނީއެވެ.

މިގޮތަށް މުޖުތަމައު އިން ގަބޫލު ނުކޮށް ބޭރުކޮށްލާ ޒުވާނުން ގިނަ ފަހަރަށް އޮންނާނީ މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ކުށް ސާބިތުވެފައެވެ. ރެހެބިލިޓޭޝަން ސެންޓަރަށް ފޮނުވައިފިނަމަ އެމީހުން ތިބެނީ އެތަނުން ވީއްލިގެން މަސްތުވާތަކެތި އަލުން ބޭނުން ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގަައެވެ. އެތަނަށް ދަމުން އެފަދަ ތަކެތި ބޭނުން ކުރާކަން ސާބިތުވެއްޖެނަމަ އަންނަނީ ސީދާ ޖަލު ހުކުމެކެވެ. އެކަމަކު މިފަދަ ސެންޓަރުތަކަށް ދަމުން ޒުވާނުންގެ ވިސްނުމާއި ފިކުރަށް އެއްވެސް ބަދަލެއް ނާންނަކަމުގައި ވަނީނަމަ މިފަދަ ސެންޓަރުތައް ގާއިމްކޮށްފައި ހުރުމުގެ މަގްސަދާއި މެދު ސުވާލު އުފެދެއެވެ.

ސްކޫލް ދައުރުން ފެށިގެން މަސްތުވާތަކެއްޗާއި މެދު ހޭލުންތެރިކަން އިތުރުކޮށް، ރެހިބިލިޓޭޝަން ސެންޓަރުތަކުގެ ފެންވަރާއި ވަސީލަތްތައް ބޮޑުތަނުން ރަނގަޅު ކުރަން އެބަޖެހެއެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަކީ ހުއްޓުވޭނެ ބައެއް ނޫންކަމަށް ބަލައި އެމީހުން ޖަލަށް ލުމަކީ މިކަމަށް އޮތް ވަގުތީ ހައްލެކެވެ. މިގޮތަށް ކަންތައް ކުރުމުން އެއްވެސް ހާލެއްގައި މިކަމަށް ދާއިމީ ހައްލެއް ލިބިގެންނެއް ނުދާނެއެވެ.

މާލެ ތެރޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އެތައް ބަޔަކު އެބަތިއްބެވެ. ހައިރާންވާން ޖެހޭ އެއް ކަމަކީ މި ވިޔަފާރި ފުޅާކޮށް ހިންގާ ގިނަ މީހުންނަކީ "ސާފު" މީހުންކަމެވެ. އެ މީހުންނަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނެއް ނޫނެވެ. އެ މީހުންގެ މަގްސަދަކަށް ވެފައި އޮންނަނީ ރާއްޖެ އެތެރެ ކުރާ މަސްތުވާތަކެތި މަގުމަތީ އަގުތަކުގައި ވިއްކާ އޭގެން މަންފާ ހޯދުމެވެ. އެއީ ވިޔަފާރިވެރިންނެވެ. މަސްތުވާތަކެތިން ގެއްލުން ލިބޭކަން އެމީހުންނަށް އިނގޭކަމުން އޭތި ބޭނުން ކުރުމުގެ ބަދަލުގައި އޭގެ އަސްލު ހަގީގަތް ނޭނގޭ މީހުންނަށް އެތަކެތި ވިއްކައި ފައިދާ ހޯދަނީއެވެ.

ރެކޯޑު ކުރެވިފައިވާ މަސްތުވާތަކެތީގެ މައްސަލަތައް މިއަހަރު ދަށަށް ގޮސްފައި ވީ ނަމަވެސް އަދިވެސް މިތަކެތި ބޭނުންކުރާ މީހުން އެބަތިއްބެވެ. މިކަން ހުއްޓުވަން ބޭނުންނަމަ ދުނިޔެ ތަރައްގީވަމުންދާ ވަރަކަށް އަހަރެމެންގެ ވިސްނުންވެސް ތަރައްގީވާން އެބަ ޖެހެއެވެ. މިފަދަ މައްސަލަތައް މީހުން ޖަލަށް ލައިގެން ހައްލުވާނަމަ މިކަން މިހާރު އޮންނާނީ ހައްލުުވެފައެއް ނޫން ހެއްޔެވެ؟ މިކަމަށް އޮތް ހަމައެކަނި ހައްލަކީ ސްކޫލް ދައުރުން ފެށިގެން ކުދިންގެ ވިސްނުން ރަނގަޅު މަގަށް ގެނެސް، އޭގެ ނޭދެވޭ އަސަރުތަކުގެ މައުލޫމާތު އެންމެ ފުރިހަމަ އަށް ކިޔައިދީ، އެމަގުން ނުދާންވީ ސަބަބުތައް އެންމެ ކުޑައިރުން ފެށިގެން ވިސްނުވައިދިނުންކަން ޔަގީނެވެ.

މަސްތުވާތަކެތީގެ މައްސަލަތައް މި އަހަރު ދަށަށް ގޮސްފައިވާކަމީ ލިބުނު ހިތްހަމަޖެހުމެކެވެ. އެކަމަކު އަދިވެސް މިކަން މި މުޖުތަމައު ތެރޭގައި އެބައޮތެވެ.. މިކަމަށް ހައްލެއް ގެންނަން އޮތީ ކޮން ގޮތަކާއި މެދު ތިޔަ ބޭފުޅާ ވިސްނާލިން ހެއްޔެވެ؟ މިއީ ހަމައެކަނި ސަރުކާރުގެ ޒިންމާ އެއް ކަމަށް ދެކި އަތް އުރާލައިގެން ހުރެވޭކަށް ނެެވެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މިސަރުކާރުގަ މަސްތުވާތަކެތީގެ މަ އްސަ އެ އް ނޯންނާނެ

    4
    1
    • އ . ޖ . އ

      ރަނގަޅަށް ސްޓެޓިސްޓިކްސް ބަލާފަ ވާހަކަ ދައްކާނި

  2. Anonymous

    ކަނޑައެޅިގެން ބޮޑު ދޮގެއް. ރޯމާ ދުވާލު މަގުމަތީން ޑީލް ނިންމާލަނީ...

  3. އިދުރީސް 31 ޑިސެންބަރު 20203

    ވަރަރީއްޗެނު ވާހަދާގޮތްތަފާސް ހިސާބަކުންނުދަކާނެ ގިނައީ ސަކާރަތާއިދުކުރާމީހުތް ދެންކޮތަފާސްހިސާބަކުދަކާ ނެ ގޮ ތެބުނެބަލަމަސްތުވާތކެތީގބޮޑުންނަކީ މިސަރުކާރުގެބުޑުން ދެރަމީހާބޮލުގާއަޅވާނީ ބޮޑުއްފިލާނީ މިޔަދު ޖަލަލީވިޔާ މާދަމާއޮންނީ؟ ސަރުކާބޮޑުމުސާރާގަ އެހެނޫނީބުނާބީ ޕާޓީއަވަންނަ އޭރުއްސަލާމަތްވީ؟

  4. ސާކިރު

    ދައްވާނެ މަސްތުވެގެން މަގުމއްޗައް ވެއްޓިފާއޮތަސް މިސަރުކާރުން ކަހާތަންހިރުވާވެސްނުާ...އެހެންވީމަ މަސްތުވާތަކެތި ރެކޯޑުތައްމަދުވާނެ....

  5. ލަރަ

    މިހާރު މައްސަލައަކައް ނުވާތީ މައްސަލަމަދޭ ތިކިޔަނީ.