އިންޑިޔާގެ ބަންގަލޫރުގައި އޮންނަ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި އެއަރ އިންޑިޔާގެ ފްލައިޓެއްގެ ފާޚާނާ ތެރެއިން، ރަންތަކެއް ފެނިއްޖެއެވެ. މި މަތިންދާބޯޓުގެ ފާޚާނާ ތެރެއިން ފެނިފައިވަނީ ރަނުން ހަދާފައިވާ ބިސްކޯދު ތަކެކެވެ.

އެޤައުމުގެ ކަމާ ބެހޭ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، މަތިންދާބޯޓު ތެރެއިން ފެނިފައިވަނީ ރަނުން ހަދާފައިވާ 57 ބިސްކޯދު ކޮޅެވެ. އަދި، އެތަކެތީގެ ބަރުދަން، 6.6 ކިލޯގްރާމަށް އަރާކަމަށްވެސް، އެފަރާތުން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، އިންޑިޔާގެ ކަމާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ރަން ބިސްކޯދު ފެނުނު މަތިންދާބޯޓަކީ، މަސްކަޓުން ފުރައިގެން ކެމްޕެގޯޑާ އެއަރޕޯޓުގައި ޖައްސަން އައި ބޯޓެކެވެ. އަދި، އެބޯޓުގެ ފާޚާނާ ތެރެއިން ފެނުނު ރަން ބިސްކޯދު ތަކަކީ ބޯޓުގެ ފަސިންޖަރަކު އެއަށް އަރުވާފައިވާ އެއްޗެއްކަމަށް ޝައްކު ކުރެވޭކަމަށްވެސް ބުނެފައިވެއެވެ.

މަސްކަޓުން ފުރައިގެން އައި މި ބޯޓުގައި ރަން ގެންގުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު، އެޤައުމުގެ ރެވެނިއު އިންޓެލިޖެންސް ނުވަތަ އިޤުތިޞާދީ އަދި މާލީ ކަންތައްތަކާ ބެހޭ އިންޓެލިޖެންސްގެ އިދާރާއަށް ލިބިފައިވެއެވެ. ލިބުނު މައުލޫމާތުތަކާއެކު، ބޯޓު ރަންވޭގައި ޖައްސާ، ޓެކްސީވޭ އަށް ގެނައުމާއެކު، އެ އިދާރާގެ މުވައްޒަފުން ވަނީ ބޯޓަށް އަރައި، ބަލައި ފާސް ކުރުމުގެ މަސައްކަތް ކޮށްފައެވެ.

ރެވެނިއު އިންޓެލިޖެންސްއާ ހަވާލާދީ، އިންޑިޔާގެ މީޑިޔާއިން ބުނެފައިވަނީ އެތަކެތި ހޯދުނީ، ހަތަރު ގަޑިއިރުވަންދެން ކުރި މަސައްކަތަށް ފަހު ކަމަށެވެ. އަދި، އެތަކެތި ފޮރުވާފައި ހުރީ، އެހެން މީހުންނަށް ނޭނގެނެފަދަ ގޮތަކަށް، ވަރަށް ސިއްރު ތަނެއްގައިކަމަށްވެސް ބުނެފައިވެއެވެ.

އެ އިދާރާއިން އިތުރަށް ބުނެފައިވާ ގޮތުގައި، ފާޚާނާ ތެރޭގައި، މި ރަން ބިސްކޯދުތައް ފޮރުވާފައި ހުރީ، ދަބަހެއްފަދަ އެއްޗަކަށްލިމަށްފަހު، ފާޚާނާ ތަށީގައި ހަރުކޮށްފައި ހުރި ފްލަޝް ޓޭންކުގައިކަމަށެވެ.

މިކަން ހިނގާފައިވަނީ ނިމިގެންދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު